މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ޅ. އަތޮޅު ޗެމްޕިއަންކަން ކުރެންދޫން ހޯދި އިރު، ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫން ހޯދައިފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ ގިނަ އަތޮޅު ފައިނަލްތަކެއް ކުޅެފައެވެ. ޅ. އަތޮޅުން ދެ ޓީމު ބައިވެރިވެފައިވުމާއެކު ކުޅުނީ ދެ ލެގުގެ ފައިނަލެކެވެ. ފުރަތަމަ ލެގުގައި ކުރެންދޫން ހިންނަވަރު ކައިރިން 1-0 އިން މޮޅުވެފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، ދެވަނަ ލެގު 1-1 އިން ވީ އެއްވަރެވެ. އެ ނަތީޖާއާއެކު ކުރެންދުއަށް ތަށި ލިބެނީ އެގްރިގޭޓް 2-1ގެ ސްކޯއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި އަހުމަދު އަބްދުﷲ (ލިލީ) ޖެހި ގޯލާއެކު ހިންވަރުން ލީޑު ނަގައި ހިތްވަރު ހޯދިއެވެ. އެ ގޯލާއެކު ހިންނަވަރުން ރަނގަޅަށް ފެށި ނަމަވެސް ދެން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކަކާއެކު ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގައި ކުރެންދޫން ގޯލަކަށް ފަހިކުރިއެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ކުރެންދޫގެ ގޯލު ޖަހައިދިނީ އަހުމަދު އިކުރާމެވެ. އެ ގޯލާއެކު މެޗު އެއްވަރުކޮށް، ކުރެންދޫން ތަށި ޔަގީންކުރިއެވެ.

ވާދުއާއި ގައްދޫ ވާދަކުރި ގދ. އަތޮޅުގެ ފައިނަލް މެޗު ރޭ ފެނުނީ ފޯރިގަދަކޮށެވެ. ހާއްސަކޮށް މެޗުގެ ފަހު ވަގުތުކޮޅު ފޯރިގަދަކޮށް ފެނުނު އިރު، މެޗުގައި ތިން ރަތް ކާޑުވެސް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ގައްދޫގެ އަހުމަދު ރިފްޝާނަށާއި ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އާއި ރަތް ކާޑު ދެއްކި އިރު، އިބްރާހީމް ޝައުފް މުހައްމަދަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއެވެ.

ރޭގެ ފައިނަލް މެޗު ވާދޫން 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، މެޗުގައި ގޯލުތައް ޖެހީ ޝައުފުއާއި މުސައްނިފް މުހައްމަދެވެ.

ގދ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އަދި އެންމެ މޮޅު ކުޅުންތެރިޔަކީވެސް ވާދޫގެ މުހައްމަދު އިޔާދު އަލީއެވެ.