ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ކޮލިފިކޭޝަން ޕްލޭ އޮފްގައި ބާސެލޯނާ ކަޓުވާލައި، މެންޗެސްޓާ ޔުނައިޓެޑުން ގަދަ 16 ޔަގީން ކޮށްފިއެވެ.
ބާސާ ދަނޑުގައި ޔުނައިޓެޑާއި ބާސާ ކުޅުނު މެޗު 2-2 އިން އެއްވަރުވެފައި އޮތް އިރު، ރޭ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުން ޔުނައިޓެޑުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބާސާއިން ފުރަތަމަ ލީޑު ނަގާފައި ވަނިކޮށް ޔުނައިޓެޑުން ވަނީ ފަހު ހާފުގައި ދެ ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި ކަސެމީރޯ ޖެހި ބާރު ބޯޅައެއް ބާސާގެ ގޯލްކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން މަތަކޮށް ބޭރުކޮށްލި އިރު، އޭގެ 10 ވަރަކަށް މިނެޓް ފަހުން ބާސާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.
އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒްގެ އަތުގައި ބޯޅައިން ޖެހުމުން ބާސާއަށް ލިބުނު ޕެނަލްޓީގައި މެޗުގެ 15 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ އެޓީމަށް ލީޑު ނަގައިދީ ގަދަ 16 ގެ އުންމީދު ހޯދައިދިނެވެ. އެ ގޯލަކީ މި ސީޒަނަށް ބާސާއަށް ބަދަލުވެ، ލެވަންޑޯސްކީ ޖަހައިދިން 25 ވަނަ ގޯލެވެ.
މެޗުގެ ފުރަތަމަ ހާފުގެ ބާކީ ބައިގައި ޔުނައިޓެޑަށް، އަދި ބާސާއަށްވެސް އެންމެ އެކަށޭނެ ހަމަލާތަކެއް އުފެއްދިފައިނުވާ އިރު، ދެވަނަ ހާފަށް ޔުނައިޓެޑް ނުކުތީ ބަދަލަކާއެކުގައެވެ. ވޯޓް ވެގޯސްޓްގެ ބަދަލުގައި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ކުޅެން ނެރުނީ އެންޓޮނީއެވެ. އޭނާ ކުޅެން ނުކުތުމާއެކު ޔުނައިޓެޑްގެ އެޓޭކިން ސްޓައިލް ބަދަލުކޮށް، މެޗުގެ 47 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރިއެވެ.
ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރެޑެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފެނާންޑޭޒްއެވެ.
ގޯލާއެކު ޔުނައިޓެޑްގެ ދަނޑުގައި ސަޕޯޓަރުންގެ އަޑު ގުގުމާލުމާއެކު އެޓީމުން ހިތްވަރާއެކު ކުުޅެން ފެށިއެވެ. އެހެން ނަމަވެސް، އަނެއްކޮޅުން ބާސާގެ އެޓޭކްތައްވެސް ކޮންމެވެސް ވަރަކަށް ނުރައްކާތެރިކޮށް ފެނުނެވެ. އެގޮތުން ޖޫލްސް ކޫންޑޭ އާއި ކެސޭ ޖެހި ބޯޅަތައް މަތަކޮށް ބޭރުކޮށްލީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑެހެއާއެވެ.
ޔުނައިޓެޑުން މެޗުގެ އޮއިވަރުގެ ކޮންޓްރޯލް ހޯދައި، ގަދަ 16 ޔަގީންކުރި ގޯލު ޖެހީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އެ ގޯލުގައިވެސް ފްރެޑްގެ ހިއްސާ ބޮޑުކޮށް ފާހަގަވެގެން ގޮސްފައިވާ އިރު، ގޯލު ޖެހީ ބަދަލަކަށް ނުކުތް އެންޓޮނީއެވެ. އެ ގޯލާއެކު ޔުނައިޓެޑުން ވަނީ ޔޫރޮޕާ ލީގުގެ ގަދަ 16 ޔަގީންކޮށް، ވަރުގަދަ ބާސާ ކަޓުވާލައިފައެވެ.
ރޭގެ މެޗުތަކާއެކު ޔޫރޮޕާ ލީގުގެ ގަދަ 16 އިން ޖާގަ ހޯދި އިތުރު ކްލަބުތަކުގެ ތެރޭގައި ޔޫނިއަން ބާލިންނާއި ރޯމާގެ އިތުރުން ޝަކްތާ ޑޮނެސްކް، ސްޕޯޯޓިން ލިސްބަން އަދި ޔުވެންޓަސް އާއި ސެވިއްޔާ ހިމެނެއެވެ. އޭގެ އިތުރުން ބަޔާން ލެވަކޫސަންވެސް ވަނީ ގަދަ 16 ޔަގީން ކޮށްފައެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު