ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރައްވަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރެވެނީ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 22 މެމްބަރުންގެ ސޮޔާއެކުއެވެ.

އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ނަޝީދު ބައެއް ފަހަރު އަމަލުކުރައްވާ މަންޒަރު ފެނިގެންދާ ކަމަށާއި އެހެންކަމުން އެ ވާހަކަތައް ދެއްކޭނެ ކަމަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކާ ގުޅޭގޮތުންނާއި އަދި މަޖިލީހަށް ހާޒިރުކުރާ މިނިސްޓަރުނާވެސް ނަޝީދު ބައެއް ފަހަރު ސުވާލުކުރައްވާ ކަމަށާއި ނަޝީދަށް އިހުތިރާމުކުރެއްވި ނަމަވެސް ގަވާއިދާ ހިލާފުވީމަ އެކަންކަން ފާހަގަކުރެވެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަސްލަމް ވިދާޅުވީ، މީގެ ކުރިން މަޖިލީހުގެ ތެރެއިން އެފަދަކަމެއް ކުރަން މަސައްކަތް ކުރިކަމުގެ މައުލޫމާތު ލިބިވަޑައިގަތް ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރެވޭ މިންވަރަށް އެފަހަރު ވޯޓުވެސް ހޯދި ކަމަށެވެ.

"މަގާމުން ވަކިކުރަން ބޭނުންވާ ވަރަށް އެ އަދަދަށް ވޯޓު ހަމަވެފައި ހުރީ. ނަޝީދު ވަކިކުރުން ފަދަ ކަމެއް ނިންމާއިރު ބަލަންޖެހޭ ޕާޓީގެ އެހެން ގުނަވަންތަކަށް، އެ ގުނަވަންތަކުގެ ތާއީދުވެސް އޮވެގެން އެފަދަކަމެއް ކުރުން އެންމެ އެކަށީީގެން ވަނީ. އެހެންވެ އެކަން ނުކޮށް މަޑުޖެއްސީ،" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ނަޝީދުގެ އަމަލުތައް ހުންނަވަނީ ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރާ ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފަށް ކަމަށާއި އެއީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ކަންބޮޑުވާކަމެއް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމާއެކު ނަޝީދު އަންނަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ހަރަކާތެއް ހިންގަވަމުންނެވެ. އެ ހަރަކާތުގެ ތެރެއިން ނަޝީދު މަސައްކަތްކުރައްވަނީ ރައީސް ސޯލިހާ ދެކޮޅަށެވެ.