ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް، އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއެކު ކޯލިޝަން ހެދުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ޕީޕީއެމްގެ މެންބަރު، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ދައުވަތު ދެއްވައިފިއެވެ.

އެ ފަރާތްތަކަށް ތޯރިގު ދައުވަތު ދެއްވީ، ސަރުކާރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކުރި ރެކޮމެންޑޭޝަންތަކަށް އަމަލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ.

ތޯރިގު ވިދާޅުވީ، ދަރަނި ދައްކަން ދަރަނި ނުނެގޭނެ ކަމަށް ގާނޫނުގައި ބުނާއިރު ރައީސް ސޯލިހުގެ ސަރުކާރުން ދަރަނި ދެއްކުމަށްޓަކައި ބޮޑެތި އިންޓްރެސްޓްގައި ދަރަނި ނަގަމުންދާ ކަމަށެވެ.

ސަރުކާރުގެ ދަރަނި ނުދެއްކޭވަރަށް ބޮޑުވެފައިވާ ކަމަށް ތުހުމަތުކޮށް ތޯރިގު ވިދާޅުވީ، 2026 ވަނަ އަަހަރު ދިވެހި ދައުލަތުން ގެރެންޓީދީފައި ހުރި ދަރަންޏަށް 800 މިލިއަން ޑޮލަރު ދައްކަން ޖެހޭ އިރު، ރާއްޖޭގެ ފަންޑުގައި ހުރީ އެންމެ 150 މިލިއަން ޑޮލަރު ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ ވެރިކަން ނިމޭއިރު ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސިޔާސަތުތައް ދޯދިޔާކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތް ކުރީތީ އެމްޑީޕީ މެންބަރުން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި މިހާރު ރައީސް ސޯލިހު ނޫން އެހެން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން "އެމްޑީއޭއަކީ، ހާއްސަކޮށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާ ވަރަށް ގާތް ގުޅުންތަކެއް އޮންނަ ޕާޓީއެއް. އެޕާޓީއަށްވެސް އަޅުގަނޑު ގޮވާލަން ކުރިއަށް މިއޮތީ އަޅުގަނޑުމެންގެ ވެރިކަމެއް، މި ވެރިކަން މިދަނީ ނިމެން އެހެންވީމަ އެމްޑީއޭއަށްވެސް އެމްޑީއޭގެ ލީޑާޝިޕަށްވެސް އަޅުގަނޑު ގޮވާލަން ރައީސް ޔާމީނާ ބައިވެރިވެވަޑައިގެން މި އަންނަ ވެރިކަމަށް އަޅުގަނޑުމެންނާއެކު ކޯލީޝަން ހެދުމަށް، އަދި ޖުމްހޫރީ ޕާޓީއަށްވެސް، ޖުމްހޫރީ ޕާޓީއަށް މިހާތަނަށް ކޯލިޝަން ހަދައިގެެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި މަސައްކަތްކޮށްފައި އޮންނާނީ ޕީޕީއެމް އެކަނި. އެމްޑީޕީން ދިނީ ލަނޑު، މިދިޔަ ފަހަރުވެސް ދިނީ ލަނޑު. އެެހެންވީމާ ޖުމްހޫރީ ޕާޓީގެ ލީޑަރަށްވެސް އަޅުގަނޑު ގޮވާލަން ފުރަތަމަ ބުރުގައި އަޅުގަނޑުމެންނާއެކު ކޯލިޝަންގައި ބައިވެރިވަން ނުވަތަ ދެވަަނަ ބުރުގައި އަޅުގަނޑުމެންނާއެކު ރިޔާސީ އިންތިހާބު ނިންމުމަށް މަސައްކަތް ކުރެއްވުމަށް،" ތޯރިގު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދެވޭތޯ ރައީސް ސޯލިހު ވަރަބޮޑަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން އަދާލަތު ޕާޓީ ފަދަ ކުދިކުދި ޕާޓީތަކާއެކު އެމަނިކުފާނު ކޯލިޝަން ހަދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "މިހާރުވެސް ރަނގަޅަށް އެބަ އެނގޭ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކައްޗެއް ކިޔައިގެން ނިކުމެއްޖެއްޔާ ރަައީސް ސޯލިހު އޮންނާނީ ރިޔާސީ އިންތިހާބުގެ ތިންވަނައިގައި، މިއީ ސިޔާސީ ހަގީގަތަކީ،" ކަމަށެވެ.