މީހަކަށް އޮޅުވާލައިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ މައުލޫމާތު ހޯދުމަށްފަހު، އިންޓަނެޓް ބޭންކިން އެޕްލިކޭޝަނުން ކިއުއާރު ކޯޑު ސްކޭން ބޭނުންކޮށްގެން ދެ ލައްކަ ރުފިޔާގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ފުލުހުން އެ ދެ މީހުންނަށް ކުރަނީ މަކަރާއި ހީލަތް އަދި ވައްކަން ކުރިކަމުގެ ތުހުމަތެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އާދީއްތަ ދުވަހު އެމީހުން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމުރުކުރީ 15 ދުވަހަށް ބަންދު ކުރުމަށެވެ. ކޯޓުން އެ ދެ މީހުންގެ ބަންދު އިތުރުކުރީ އެ މީހުންނަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޮންމެވެސް ވަރަކަށް ފުލުހުން ހެކި ހުށަހަޅާފައިވާތީއެވެ.

އެ ދެ މީހުންނާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ފިހާރައިން ވިޔަފާރިކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާން ހިމެނެއެވެ. އަދި ބޭންކް މެސެޖުގެ ސްކްރީން ޝޮޓާއި ބޭންކުގެ ފޮރޯޑް އިންސިޑެންޓް ރިޕޯޓު ހިމެނެއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު މުހައްމަދު ޝަރާހު ނަމަކަށް ކިޔާ މީހަކު ވަނީ އޭނާގެ އާއިލާ މެންބަރެއްގެ އެކައުންޓު ބޭނުންކޮށްގެން "ބީއެމްއެލް މޯބައިލް ޕޭ" މެދުވެރިކޮށް 250،000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާ ކަމަށްބުނެ، ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މައުލޫމާތުތައް ލީކުވެގެންދިޔައީ ލިންކުތަކަކަށް ފިތައިގެން ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އޭނާ ސޯޝަލް މީޑިއާގައި އާންމުކުރި ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ވިޔަފާރިތައް ކޮށްފައިވަނީ އެކި ފިހާރަތަކުން، އެކި އަދަދުތަކުންނެވެ.

ސޯޝަލް މީޑިއާގައި ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ލީކުވެފައިވާ ކަމަށްބުނެ ވެސް ވާހަކަތައް ފެތުރެމުންދެއެވެ. އެކަމާ ގުޅޭގޮތުން ބީއެމްއެލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާނެ ކަމަށާއި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށެވެ.

ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ ކަމަށާއި އެފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް އެކަމުގެ އަސަރުކުރާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބީއެމްއެލުން އިތުރަށް ބުނެފައިވަނީ، މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.