ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާކަން ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ގާނޫނީ ބާރު ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށާއި ވަކި ހުކުމެއް ކުރާ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާއި ދެކޮޅަށް ހުކުމްކުރާ ފަނޑިޔާރުންގެ އޯޑިއޯތައް ލީކުވުން ފަދަ ކަންތައްތައް ގޯސް ކަމަށެވެ.
ޖަމީލް ވަނީ އިސްތިއުނާފު ކާމިޔާބުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.
ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އާރަށް މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމް މަތީ މަރުހަލާގައި ބާތިލްކޮށްފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.
އާރަށް މައްސަލައިގައި ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވާ އިރު، ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތްވެސް ކުރިމިނަލް ކޯޓުން މިހާރު ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު