ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އެކަމަށް ބޭނުންވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް، ރިޔާސީ އިންތިހާބުގެ ގާނޫނުގައި އޮތް މުއްދަތު އިތުރު ކުރުމަށްޓަކައި ރިޔާސީ އިންތިހާބާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި މިބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ބިލުން އިސްލާހު ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ރ) އަށެވެ.

މިހާރު އެ މާއްދާގައި އޮންނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ އިއުލާންގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށެވެ.

އެ މާއްދާއަށް އިސްލާހު ހުށަހަޅާފައި ވަނީ، އިލެކްޝަނަށް ހުށަހެޅުމަށް އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށެވެ.

ބިލުގައި ބުނެފައި ވަނީ، ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށްޓަކައި ކަމަށެވެ.