މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އދ. އަތޮޅު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ މާމިގިއްޔާއި މަހިބަދޫ އަތޮޅު ފައިނަލް ޔަގީންކުރި އިރު، ކ. އަތޮޅު ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި މާފުށިން އަތޮޅު ސެމީ ޔަގީން ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފޯރިގަދަ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މިހާރު ކުރިއަށްދާ އިރު، ރޭވެސް ވަނީ ހަތް މެޗެއް ކުޅެފައެވެ. އޭގެ ތެރޭގައި އދ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗާއި ކ. އަތޮޅުގެ ގްރޫޕް ދޭއްގެ މެޗެއް ހިމެނެއެވެ.
އދ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗު އެއް ވަގުތެއްގައި ކުރިއަށް ދިޔަ އިރު، ގްރައުންޑް އެކެއްގައި ކުރިއަށް ދިޔައީ މަހިބަދޫއާއި ހަންޏާމީދޫ ވާދަކުރި ސެމީގެ މެޗެވެ. އެ މެޗު މަހިބަދޫން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި މަހިބަދޫގެ އާދަމް ފަހުމާން ޖެހި ގޯލުން އެޓީމު ލީޑު ނެގި އިރު، ހާފު ނިމެން ދަނިކޮށް އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު) ވަނީ އެޓީމަށް ދެވަނަ ގޯލެއްވެސް ޖަހައިދީފައެވެ. ބިޗަޑުގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އޭނާގެ އިތުރު ދެހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
ދެވަނަ ހާފަށް ނުކުމެ ހަންޏާމީދޫން ކުޅުން ރަނގަޅުކޮށް ގޯލަކަށް މަސައްކަތް ކުރި ނަމަވެސް މަހިބަދޫން ވަނީ ރަނގަޅަށް ޑިފެންސްކޮށް ފައިނަލް ޔަގީން ކޮށްފައެވެ.
އަންނަ ހުކުރު ދުވަހު ހަވީރު އޮންނަ އދ. އަތޮޅުގެ ފައިނަލްގައި މަހިބަދޫއާ ދެކޮޅަށް ނުކުންނަ މާމިގިލިން ރޭ ސެމީގައި ފެންފުށި ބަލިކުރީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި މާމިގިލީގެ ހިސާމް ސަލީމް (ކޮކީ) ހަތަރު ގޯލު ޖެހި އިރު، އިބްރާހީމް ރިޒުހާން (ރިޒްކޮ) ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލުތައް ޖަހައިދިނީ ހައިޝަމް އަރީފާއިން އިބްރާހީމް މައިސާނެވެ.
ކ. އަތޮޅު ގްރޫޕް ދޭއްގެ ދެވަނަ މެޗު ރޭ ކުޅެފައިވާ އިރު، އެ މެޗުން މޮޅުވީ ފުރަތަމަ މެޗުންވެސް މޮޅުވެފައި އޮތް މާފުއްޓެވެ. ކ. އަތޮޅުގެ ގްރޫޕް ދޭއްގައި ތިން ޓީމު ހިމެނޭ އިރު، މާފުށިން އަތޮޅު ސެމީ ޔަގީންކުރީ ދެމެޗުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ އަތޮޅުން ދެން ސެމީއަށް ދާނެ ޓީމު ޔަގީންވާނީ ހިންމަފުއްޓާއި ކާށިދޫ ވާދަކުރާ ފަހު މެޗުންނެވެ.
މާފުށިން ރޭގެ މެޗުގައި ކާށިދޫ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލު ޖެހީ އިސްމާއީލް ނަޒީހެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ހއ. އަތޮޅު ފައިނަލާއި، ހދ. އަތޮޅުގެ ފައިނަލްގެ އިތުރުން ށ. އަތޮޅު ފައިނަލް މިރޭ އޮންނަ އިރު، ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައްވެސް ކުރިއަށްދާނެއެވެ.
ހއ. އަތޮޅު ފައިނަލް
20:00 އުތީމު - ފިއްލަދޫ (ގްރައުންޑް 1)
ހދ. އަތޮޅު ފައިނަލް
21:00 ނޭކުރެންދޫ - ނައިވާދޫ (ގްރައުންޑް 1)
ށ. އަތޮޅު ފައިނަލް
22:00 ކަނޑިތީމު - ފޯކައިދޫ (ގްރައުންޑް 1)
އިތުރު މެޗުތައް:
20:00 ބ. އޭދަފުށި - ބ. ކެންދޫ (ގްރައުންޑް 2)
21:00 ބ. ތުޅާދޫ - ބ. ފެހެންދޫ (ގްރައުންޑް 2)
22:00 ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ (ގްރައުންޑް 2)
23:00 ފ. ދަރަނބޫދޫ - ފ. ނިލަންދޫ (ގްރައުންޑް 1)
23:00 ފ. ބިލެއްދޫ - ފ. މަގޫދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް