ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ކާޑިޒް ބަލިކޮށްފިއެވެ.
ބާސާއިން ރޭ އަމިއްލަ ދަނޑުގައި ހޯދި މޮޅާއެކު އެޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި ދަމަހައްޓަމުން އަންނަ އަށް ޕޮއިންޓްގެ ލީޑު ދަމަހައްޓައިފައެވެ. ބާސާ މިވަގުތު އެއްވަނައިގައި އޮތީ 22 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 22 މެޗުން 51 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލްއިން މިހަފުތާ ކުޅުނު މެޗުގައި ރޭ ވަނީ އޮސަސޫނާ ކައިރިން 2-0 އިން މޮޅުވެފައެވެ.
މިހާތަނަށް ސީޒަނުގައި ކުޅުނު 22 މެޗުން ބާސާ 17 ކްލީން ޝީޓް ދަމަހައްޓާފައިވާ އިރު، އެއީ ލަލީގާގެ ތާރީހުގައިވެސް އެންމެ ފުރިހަމަ އެއް ޑިފެންސިވް ރެކޯޑެވެ. ލީގުގެ 22 މެޗަށްފަހު މީގެ ކުރިން އެންމެ ގިނައިން ކްލީން ޝީޓް ދަމަހައްޓާފައި އޮތް ޓީމަކީ ޑެޕޯޓީވޯ ޑެ ލަ ކަރޫނާއެވެ. 1993-94 ވަނަ އަހަރުގެ ލަލީގާ ސީޒަނުގައި ޑެޕޯޓީވޯ އިން ވަނީ 22 މެޗުން 16 މެޗުގައި ކްލީން ޝީޓް ދަމަހައްޓައިފައެވެ.
ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ގޯލު ހާފު ނިމެން ދަނިކޮށް ޖަހައިދިނީ ސާޖިއޯ ރޮބާޓޯއެވެ. އެ ގޯލަކީ ރޮބާޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ބޯޅައެއް ކާޑިޒްގެ ޑިފެންޑަރު ގޯލު ރޮނގުމަތިން ސާފުކޮށްލުމުން ރީބައުންސްގައި ރޮބާޓޯ ޖެހި ގޯލެކެވެ.
މިދިޔަ ހަފުތާގައި ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމުގެ ޕްލޭ އޮފް ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކައިރިން 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތް ބާސާއަށް ރޭގެ މެޗުގައި ދެވަނަ ގޯލެއް ޖަހައިދިނީ ލެވަންޑޯސްކީއެވެ.
އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ފުރަތަމަ ގޯލު ޖެހީ ރޮބާޓޯއެވެ. މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުން ލެވަންޑޯސްކީ ވަނީ 15 ގޯލު ހަމަކޮށްފައެވެ. ލަލީގާގައި އެންމެ މަދު މެޗުން 15 ގޯލު ހަމަކޮށްފައިވާ ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ 2009-10 ވަނަ އަހަރުގެ ސީޒަނުގައި 17 މެޗުން 15 ގޯލު ހަމަކޮށްފައިވެއެވެ.
ބާސާއިން މެޗުގައި ލީޑު ފުޅާކުރަން ކުރި މަސައްކަތުގައި ލެވަންޑޯސްކީ ފޮނުވާލި ބާރު ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.