ބްރެޒިލްގެ ތަރި ނޭމާގެ ކުޑަހުޅަށް ބޮޑު އަނިޔާއެއްވި މެޗުގައި ޕީއެސްޖީން ފަހުވަގުތު މޮޅުވެއްޖެއެވެ.
ޕީއެސްޖީ ދަނޑުގައި މިރޭ ލިލް ކައިރިން މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން މިއަދުގެ މެޗަށް ނުކުތީ ލީގުގައި ދަށް ފޯމެއްގައި އޮވެގެންނެވެ. ލިލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެންމެފަހުން އެޓީމުން ލީގުގައި ކުޅެފައި އޮތް ދެ މެޗުންވެސް ބަލިވެފައި އޮތް އިރު، މިއަދުގެ މެޗަކީ އެއްވަނަ މަގާމު ދަމަހައްޓަން މުހިއްމުވި މެޗެކެވެ. އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެފައި އޮތް ޕީއެސްޖީ، ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން 57 ޕޮއިންޓާއެކު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ.
ދެވަނައިގައި އޮތް މާސޭއަށް ލިބިފައި ވަނީ 23 މެޗުން 49 ޕޮއިންޓެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގެ ކުރިން ޕީއެސްޖީން ލީގުގައި މާސޭގެ އިތުރުން ނޯންޓާ ދެކޮޅަށް ކުޅޭނެއެވެ.
ޕީއެސްޖީގެ ފަރާތުން މިރޭގެ މެޗުގައިވެސް އެންމެ އެކަށީގެންވާ ކުޅުމެއް ފެނިފައިނުވި ނަމަވެސް، ފުރަތަމަ 20 މިނެޓް ތެރޭގައި ދެ ގޯލު ޖެހިއެވެ. އެ ދެގޯލު ޖެހީ ކިލިއަން އެމްބާޕޭ އާއި ނޭމާއެވެ. ހާފު ނިމުމުގެ ކުރިން ލިލްގެ ބަފޯޑޭ ޑިއެކީޓާ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރި އިރު، ދެވަނަ ހާފުގެ ފެށުން ޕީއެސްޖީއަށް މާޔޫސްކޮށްލިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ނޭމާ ފައިގެ ކުޑަހުޅަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު، އަށިގަނޑުގައި އޭނާ ބޭލީ 51 ވަނަ މިނެޓްގައެވެ. ކެރިއަރުގައި ބޮޑު ބައެއްގައި ކުޑަހުޅުގެ އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވާ ނޭމާއަށް މިއަދުގެ މެޗުން ލިބުނު އަނިޔާއާއެކު އޭނާއަށް ކުރިއަށް އޮތް މުހިއްމު މެޗުތަކެއް ގެއްލޭނެ ކަމަށް ބެލެވެއެވެ. އަނިޔާގެ ތަފުސީލު އަދި ޕީއެސްޖީން ހާމަކޮށްފައެއް ނުވެއެވެ.
ބްރެޒިލާއެކު އެންމެފަހުން ކުޅުނު ވޯލްޑް ކަޕް ތެރޭގައިވެސް ކުޑަހުޅަށް އަނިޔާވެ، ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ގެއްލިފައިވާ ނޭމާއަށް މީގެ ކުރިން ވަނީ އަނިޔާގެ ސަބަބުން ބޮޑެތި މުބާރާތްތަކެއްވެސް ގެއްލިފައެވެ.
ނޭމާގެ ބަދަލުގައި ހޫގޯ އެކިޓީކޭ މެޗަށް ނުކުމެފައިވާ އިރު، ލިލްއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފައެވެ. އެ ގޯލުތައް ޖަހައިދިނީ ޖޮނަތަން ޑޭވިޑާއި ޖޮނަތަން ބަމްބާއެވެ. ޕީއެސްޖީން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުން ގޮސް، މެޗުގެ 87 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ގޯލުން އެއްވަރުކޮށް، މޮޅު ޔަގީންކުރީ ފަހު މިނެޓްގައި ލިއޮނަލް މެސީ ޖެހި ހިތްގައިމު ހިލޭ ޖެހުމަކުންނެވެ.