މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރަން އެމްޑީޕީ އެކަތިގަނޑަށްވާން ޕާޓީގެ ހުރިހާ މެންބަރުންނަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވައިފިއެވެ.

އެމްޑީޕީ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ޓިކެޓާ ހަވާލުވެވަޑައިގަތުމަށްފަހު އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ މަޝްވަރާގެ ޕާޓީއެއް ކަމަށާއި ރައްޔިތުން ތަރައްގީއަށް ކުރެވެން ހުރި ކަންކަން ރައްޔިތުންގެ އަރިހުން އޮޅުންފިލުވާ ޕާޓީއެއް ކަމަށެވެ. އަދި އެއީ ވިޝަނަރީ ޕާޓީއެއް ކަމަށާއި ރާއްޖޭގެ ކުރިމަގު ބައްޓަން ކުރަންވީ ގޮތް އަބަދުވެސް އެ ޕާޓީގައި އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.

"(ރިޔާސީ އިންތިހާބު ކާމިޔާބުކުރުން) އެމްޑީޕީ ކުރިއަށް ދެން އަޅަން އޮތީ އެންމެ ފިޔަވަޅެއް. މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން. މުޅި އެމްޑީޕީއަށާއި މި ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށް މި ދައުވަތު މިރޭ އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރާއްޖެއަށް މިހާރު ގެންނަ ތަރައްގީއާއެކު ކުރިއަށްދާންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީން ވަކާލާތު ކުރަމުން އައީ ޖަޒީރާ ތަރައްގީއެއް ކަމަށާއި އެ ތަރައްގީގެ ވިސްނުމާއެކު ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.