ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ފުރަތަމަ ބުރުގެ ޕްލޭ އޮފްގައި ރޭ ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

ބާސާ ދަނޑުގައި ރޭ ކުޅުނު މެޗު ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. ބާސާއާއި ޔުނައިޓެޑްވެސް މިފަހަރު ޗެމްޕިއަންސް ލީގުން ކަޓައިފައިވާ އިރު، އެ ޓީމުތަކުން ކުޅޭނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ކޮލިފިކޭޝަންގައެވެ. އެ ބުރުން 16 ޓީމެއް ޔޫއެފާ ޔޫރޮޕާ ލީގުގެ ފުރަތަމަ ކޮލިފިކޭޝަން ބުރުގައި ވާދަކުރާނެއެވެ.

ޗެމްޕިއަންސް ލީގުން ކަޓައިގެން ދެ ޓީމު ޔޫރޮޕާގައި ކުޅެން ޖެހުނު ނަމަވެސް، ބާސާއާއި ޔުނައިޓެޑްވެސް މި ވަގުތު ލީގުގައި އޮތީ ރަނގަޅު ފޯމެއްގައެެވެ. ބާސާ އިން ލަލީގާގެ ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓަމުންދާ އިރު، ޔުނައިޓެޑުން މި ވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ ތިންވަނައިގައެވެ. އެއީ ދެވަނައިގައި އޮތް އާސެނަލްއަށްވުރެ ފަސް ޕޮއިންޓްގެ ފަރަގެއްގައެވެ.

ރޭގެ މެޗު ފެށިގެން ކުޑަ އިރުކޮޅެއް ތެރޭގައި ބާސާގެ ރޮބާޓް ލެވަންޑޯސްކީ ޖެހި ބޯޅައިން ނުރައްކާ ކުރިއެވެ. އެ ހަމަލާ މަތަކޮށް ބޭރުކޮށްލީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. މެޗުގެ ކުރީކޮޅުގައި ބާސާގެ ހަމަލާތައް ނުރައްކާކޮށް ފެނުނު ނަމަވެސް ހާފުގެ ފަހުކޮޅުގައި ބާސާގެ ގޯލްކީޕަރު ޓާ ސްޓެގެންއަށް ވަނީ އުނދަގޫ ސޭވްތަކެއް ކުރަން ޖެހިފައެވެ. ސްޓެގަން ވަނީ ވޯޓް ވެގޯސްޓާއި މާކަސް ރަޝްފޯޑުގެ އިތުރުން ބްރޫނޯ ފެނާންޑޭޒްގެ ހަމަލާތައް މަތަކޮށްފައެވެ.

ބާސާގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭސްއަށް އަނިޔާވެ، ފުރަތަމަ ހާފުގައި ބަދަލުކުރަން ޖެހިފައިވާއިރު، ބަދަލުގައި ކުޅެން ނުކުތީ ސާޖިއޯ ރޮބާޓޯއެވެ.

ދެވަނަ ހާފު ރަނގަޅަށް ފަށައި، މެޗުގެ 50 ވަނަ މިނެޓުގައި މާކަސް އެލޯންސޯ ޖެހި ގޯލުން ބާސާ ލީޑު ނެގިއެވެ. ނަމަވެސް ޔުނައިޓެޑުން ހަތް މިނެޓު ތެރޭގައި ދެ ގޯލު ޖަހައި އެ ނަތީޖާ އަނބުރާލިއެވެ.

އޭރިއާ ތެރެއަށް ވަދެ ކުޑަ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޔުނައިޓެޑްގެ ރަޝްފޯޑު، އެ ޓީމުގެ ފުރަތަމަ ގޯލް މެޗުގެ 52 ވަނަ މިނެޓުގައި ޖެހި އިރު، ރަޝްފޯޑުގެ ބޮޑު އެހީތެރިކަމަކާއެކު މެޗުގެ 59 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގީ ޖޫލް ކޫންޑޭ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

މެޗުގެ ފަހު ކޮޅަށް ކުރި ބަދަލުތަކަކާއެކު ބާސާއިން ކުޅުން ރަނގަޅުކޮށް، 76 ވަނަ މިނެޓުގައި ރަފީނިއާގެ ގޯލުން މެޗުގެ ނަތީޖާ ހަމަހަމަކޮށް އަނެއް ލެގަށް ހިތްވަރު ހޯދިއެވެ.

ޔުނައިޓެޑް ދަނޑުގައި ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.