ޝަރީއަތުގެ މަޖިލީހުގައި ފާހަގަ ނުކުރާ ނުކުތާތަކެއް، ހައިކޯޓުގެ އިސްތިއުނާފަށް ފޮނުވި، މައްސަލައެއްގެ ހުލާސާ ރިޕޯޓަށް އިތުރުކުރި މައްސަލައެއްގައި ޏ. ވުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެސްއީ) އިން މިއަދު ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގައި މެޖިސްޓްރޭޓް އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުލާސާ ރިޕޯޓެއް ދައުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމުން، އެ ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް 2020 ފެބްރުއަރީ 19 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހައިކޯޓަށް ފޮނުވާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ހުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ހުލާސާ ރިޕޯޓެއްކަމަށެވެ.

އެގަޒިއްޔާގައި ހުކުމްކޮށް ހުލާސާ ރިޕޯޓު ދޫކުރި ފަހުން، ހުކުމް ކުރި ޝަރީއަތުގެ މަޖިލީހުގައިވެސް މެޖިސްޓްރޭޓް އަކްރަމް ފާހަގަކޮށްފައި ނުވާ އިތުރު ނުކުތާތަކެއް ހުލާސާ ރިޕޯޓަށް އެގޮތަށް އިތުރުކުރުމަކީ މެޖިސްޓްރޭޓް އަކްރަމް އިއްވި ހުކުމަށް ނުވަތަ ހުކުމަށް ވާސިލުވި ނުކުތާތަކަށް، ފަހުން ބަދަލު ގެނައުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެއީ މެޖިސްޓްރޭޓް ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކުރި ކަމެއްކަމަށާއި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަނާޅާ ލިޔުމެއް، އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ހައިކޯޓަށް ފޮނުވުމާއި، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅި ލިޔުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ނުފޮނުވައި ބޭއްވުމަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ލިޔެކިޔުމަށް ބަދަލުގެނަސް ހަގީގަތް އޮޅުވާލުންކަން ސާބިތުވާތީ، މެޖިސްޓްރޭޓް އަކްރަމްގެ މި އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އަކްރަމް މިއަދުން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން ހަތް ދުވަހުގެ މުއްދަތަށް މަނާކޮށްފައިވާ ކަމަށް ޖޭއެސްސީ ބުނެފައިވެއެވެ.