ސަރުކާރު ހިއްސާވާ ކުނުފުނިތައް އުފެއްދުމާއި، އުވާލުމާއި، ރެގިއުލޭޓްކޮށް މޮނީޓާ ކުރެވޭނެ ގާނޫނެއް ހެދުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީމު މަޖިލީހަށް ގަރާރެއް ހުށަހަޅަން ފޮނުވައިފިއެވެ.
މި ގަރާރުގެ ފުރަތަމަކިއުން އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިއްވައިފައެވެ.
މިގަރާރުގައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައިގަނޑު މަގުސަދަކީ އެފަދަ ކުންފުނިތަކަށް ކަނޑައަޅުއްވާފައިވާ މެންޑޭޓާއި އެއްގޮތަށް ވިޔަފާރިކޮށް، ނަފާ ހޯދައި، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ދައުލަތަށް އިގުތިސާދި ފައިދާ ހޯދައިދިނުން ކަމަށެވެ.
ނަމަވެސް، ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ދޯދިޔާވުމުގެ ސަބަބުން މިފަދަ ކުންފުނިތައް އުފެއްދުމުގެ ހަގީގީ މަގުސަދަށް ދައުލަތަށް ވާސިލު ނުވެވި، އިގްތިސާދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ނޭދެވޭ އަސަރު ކުރާކަމަށެވެ. ކުންފުނިތަކުގައި އުފެދޭ ފަސާދައިގެ އަމަލުތަކަކީ ދައުލަތް ހިންގުމުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް ދިމާވާ ގޮންޖެހުމެއްކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.
"ވޯލްޑް ބޭންކް ގްރޫޕުގެ މޯލްޑިވްސް ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް ރިޕޯޓުތަކުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިވާ މައްސަލަތައް ތަކުރާރުކޮށް ފާހަގަކޮށްފައިވޭ، އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު އިތުރުވެފައި ވީނަމަވެސް، ސަރުކާރުގެ ކުންފުނިތަކުން ދައުލަތަށް ހޯދައިދޭ ފިޒްކަލް ރެވެނިއު ދަށްވަމުން އަންނަކަން ފާހަގަ ކުރެވޭ،"
ކުންފުނީގެ މާލީ ގާބިލުކަމަށް ނުބަލައި އެކިއެކި ޕްރޮޖެކްޓްތައް ހިންގުމާއި، އެނޫންވެސް ގޮތްގޮތުން ހަރަދު ކުރުމުގެ ސަބަބުން ކުންފުނިތަކަށް އެކަށީގެންވާ ފައިދާއެއް ނުލިބުމާއި، ކުންފުނިތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށާއި، ވާކިން ކެޕިޓަލްގެ ގޮތުގައި ކުންފުނިން ކުރަން ޖެހޭ ހަރަދުތައްވެސް ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.
އިލިޔާސް އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި، ވިޔަފާރި ފުޅާކޮށް ކުރިއަރުވާނެ ގޮތުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭނެއް ނެތް ކަމަށެވެ. ކުންފުނީގެ މަގްސަދުތައް ހާސިލުކުރުމުގައި ވަކި މިސްރާބެއް ނެތުމުން، ސަރުކާރުން ދޫކުރާ ކެޕިޓަލް އެންމެ އެދެވޭ ގޮތެއްގައި ކުންފުނިތަކަށް ބޭނުން ނުކުރެވޭކަމަށެވެ.
"ދައުލަތުގެ މާލިއްޔަތުގެ ގާނޫނު އަދި އެ ގާނޫނުގެ ދަށުން ހަދާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ސަރުކާރު ހިއްސާވާ ކުނފުނިތަކުން އަމަލުކުރުން ލާޒިމުކޮށްފައެއް ނެތް، އެކަން އެހެން އޮތުމުން ކުންފުނިތަކުގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ ގާނޫނީ އޮނިގަނޑެއް ނެތް، މިކަމުގެ ސަބަބުން ކުންފުނިތަކުގެ ޕްރޮކިއުމަންޓް، ފައިނޭންޝަލް ޕޮލިސީ، ބަޖެޓަރީ ޕޮލިސީ އަދި އެނޫންވެސް މާލީ ކަންތައްތަކާ ގުޅޭ އުސޫލުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުން ނުދާކަން ވަނީ ފާހަގަ ކުރެވިފައި،"
އިލިޔާސް ވިދާޅުވެފައި ވަނި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ރައްދުވާ އިދާރާތަކަށް ބަލާއިރު، ދެވަނައަށް އެންމެ ގިނަ މައްސަލަ ރަޖިސްޓަރީކޮށްފައި ވަނީ ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގޮތުންކަން ފާހަގަ ކުރެވޭ ކަމަށެވެ.
"ސަރުކާރުގެ އޮފީސްތަކުން ކުރިޔަށްގެންދާ ބޮޑެތި ބައެއް މަޝްރޫއުތައް ހިންގުމަށް ބީލަންކުރުމަކާ ނުލައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުން ފުރުސަތުދޭ ހިނދު، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރެވޭ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމުގައި ކުންފުނިތަކުން ހަރުދަނާ އުސޫލެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން ޕްރޮޖެކްޓް ހިންގުމުގައި އެކި މައްސަލަ ދިމާވާކަން ފާހަގަވާކަމާއި، އެގޮތުން ޕްރޮޖެކްޓު ހަވާލު ކުރާ ސަރުކާރުގެ އިދާރާ އާއި ސަރުކާރުގެ ހިއްސާވާ ކުންފުންޏާއި، ސަބްކޮންޓްރެކްޓުކުރާ ކުންފުނީގެ ޒިންމާތަކާ މަސްއޫލިއްޔަތު ކަނޑައަޅާފައެއް ނުހުރޭ، ނަތީޖާއެއްގެ ގޮތުން އެ ޕްރޮޖެކްޓުތަކަށް ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވޭ އަދި ޕްރޮޖެކްޓަށް ހޭދަވާ މުއްދަތު ވެސ އިތުރުވޭ،"
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަސާސީ ގަވާއިދުގައި އެ ކުންފުނީގެ މަގުސަދުތައް ސާފުކޮށް ކަނޑައަޅާފައި އޮތް ނަމަވެސް ބައެއް ކުންފުނިތަކުގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ މަސައްކަތްތައް ސަރުކާރުން އެ ކުންފުނިތަކާ ހަވާލުކުރާކަމަށާއި، އަދި ކުންފުނީގެ މަގުސަދުތަކަކީ ކުންފުނީގެ ހިއްސާދާރުން ކަނޑައަޅާ ކަމަކަށްވީއިރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ މަސްއްކަތްތައް ކުރިއަށްގެންދިޔުމަށް ނިންމާފައި ހުންނަ ކަމަށްވެސް ބުނެފައިވެއެވެ. ކުންފުނިތަކުން އިދާރީ އޮނިގަނޑު އެކުލަވާފައިވީ ނަމަވެސް، ބައެއް ކުންފުނިތަކުގެ ސެކްޝަން ޔުނިޓްތަކުގައި މުވައްޒަފުން ތިބެން ޖެހޭ އަދަދު ކަނޑައަޅާފައި ނުހުރުމުގެ ސަބަބުން ވަޒީފާތަކަށް މީހުން ނެގުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު