ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެން ޒަހަމް ތަކާބެހޭ، މެޑިކަލް ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ މެޑިކަލް ރިޕޯޓު، އެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
އެ ރިޕޯޓާއެކު ރައީސް ނަޝީދުގެ އޮފީހުން ފޮނުވި ސިޓީގައި، އެއީ ސިއްރު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓު ކޮމިޓީއަށް ފޮނުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިންކަަމަށް ބުނެފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން، އެއީ ވަކި ފަރުދެއްގެ ރިޕޯޓަކަށް ވާތީއާއެކު އެ ރިޕޯޓުގެ އެއްވެސް މައުލޫމާތެއް، ކޮމިޓީގެ އެއްވެސް މެންބަރަކު ހާމަ ނުކުރުމަށްވެސް އަސްލަމް އެދިވަޑައިގެންނެވިއެވެ.
އަސްލަމް ވިދާޅުވީ އެ ރިޕޯޓު ކޮމިޓީއަށް ފޮނުވާފައިވަނީ ހަމައެކަނި ކޮމިޓީ މެންބަރުންގެ މައުލޫމާތަށް ޓަކައި ކަމަށާއި، އެހެންކަމުން ރިޕޯޓު ބައްލަވަން ބޭނުން މެންބަރުންނަށް އެ ރިޕޯޓު ފެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއީ ކޮމިޓީން އިތުރު ދިރާސާއެއް ކުރުމަށް ފޮނުވި ރިޕޯޓެއް ނޫން ކަމަށާއި އެއީ ސިއްރު ރިޕޯޓަކަށް ވާތީ، ސިއްރު ރިޕޯޓެއްގެ ގޮތުގައި އެ ރިޕޯޓު ކޮމިޓީގައި ފައިލް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން މި ހަމަލާގައި، އެމަިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އެ ހަމަލާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަނެވެ. އެކަމާގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހުނެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު ވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.
މި ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ހަނިގޮތަކަށެވެ.
މި ހަމަލާއާ ގުޅުންހުރި ފަރާތްތައް ކަމަށް ތަހުގީގުތަކުން ދައްކާ ފަރާތްތަކަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު