ސާފް ޗެމްޕިއަންޝިޕް

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގައި ބާއްވަން ނިންމައިފި

މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް އިންޑިއާގައި ބާއްވަން ނިންމައިފިއެވެ.

މިއަދު ވާޗުއަލްކޮށް ކުރިއަށްގެންދިޔަ ސާފްގެ އެކްސްކޯ ބައްދަލުވުމުގައި އިންޑިއާގައި މުބާރާތް ބާއްވަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 20 އިން ޖުލައި މަހުގެ ތިނަކަށެވެ. އިންޑިއާއަށް ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބިފައިވާ އިރު، މުބާރާތް އެގައުމުގައި ބާއްވާނެ ސިޓީއެއް ކަނޑައަޅާނީ އަންނަ މަހުއެވެ.

އެންމެފަހުން 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބާއްވާފައިވާ އިރު، އެފަހަރުގެ މުބާރާތް ރާއްޖެއަށް ލިބުނީ ބަންގުލަދޭޝްއިން ފުރުސަތު ދޫކޮށްލުމުންނެވެ. އެފަހަރު ބަންގުލަދޭޝްއިން ފުރުސަތު ދޫކޮށްލީ އެގައުމުގެ ކޮވިޑުގެ ހާލަތު އޭރު ގޯސްކޮށް އޮތުމާއެކުގައެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވީ އޮކްޓޯބަރު މަހުގައެވެ. އެ މުބާރާތަށް ތައްޔާރުވާން ރާއްޖެއަށް މަދު ދުވަސްކޮޅެއް ލިބިފައިވީ ނަމަވެސް އިންތިޒާމުތައް ރަނގަޅެވެ. ރާއްޖޭގައި ބޭއްވި މުބާރާތުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި ބޫޓާން ބައިވެރިވެފައެއް ނުވެއެވެ. އެފަހަރު ޕާކިސްތާނު ބައިވެރިނުވީ ފީފާ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. އަދި ބޫޓާން ބައިވެރިނުވީ ރަނގަޅަށް ތައްޔާރުވާން ވަގުތު ނުލިބުމުގެ ސަބަބުންނެވެ.

ރާއްޖޭގައި ބޭއްވި މުބާރާތުގެ ތަށި އިންޑިއާއިން އުފުލާލި އިރު، ފައިނަލުގައި އިންޑިއާ ވާދަކުރީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެއަށް ފައިނަލުގެ ފުރުސަތު ގެއްލުނީ ލީގު ބުރުގައި ނޭޕާލާއި އިންޑިއާ އަތުން ބަލިވުމުންނެވެ. މުބާރާތުގައި ރާއްޖެ ވަނީ ބަންގުލަދޭޝްއާއި ސްރީ ލަންކާ ބަލިކޮށްފައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ލަންކާއާއި ބަންގުލަދޭޝްއިން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، ރަސްމީކޮށް އެކަމަށް މާ ބޮޑު މަސައްކަތްތަކެއް ކުރިތަން ފެނިފައެއް ނުވެއެވެ. ލަންކާއިން އެ މަސައްކަތް މަޑު ޖައްސާލީ މިވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އެގައުމުގެ ފުޓުބޯޅަ އޮތުމުންނެވެ.

ތިންވަނަ ފަރާތެއްގެ ނުފޫޒު ލަންކާ އެފްއޭއަށް ވަންނަ ކަމަށް ބުނެ، ފީފާއިން ދާދިފަހުން ލަންކާގެ ފުޓުބޯޅަ ސަސްޕެންޑް ކޮށްފައި އޮތް އިރު، މިފަހަރުގެ މުބާރާތުގައި ލަންކާއަށް ކުޅެވޭނީ ސަސްޕެންޝަން އުވާލުމުންނެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ދެފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕަކީ ރާއްޖެއާއި ލަންކާ ކޯ ހޯސްޓް ކުރި މުބާރާތެކެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެއިން އިންޑިއާ ބަލިކުރީ ލަންކާގައެވެ. 2018 ވަނަ އަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ތަށި ނެގީ ބަންގުލަދޭޝްގައެވެ.