މިދިޔަ މަހު ވ. އަތޮޅު، ވެންފަރު ކައިރިން ފެނުނު ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދިޔަ ބަންގުލޭދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓަން، 35، ހަށިގަނޑުކަން ޔަގީން ނުވިޔަސް އެ މައްސަލައިގައި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހަށް މިއަދު ފޮނުވުމުން ބަލައިގަނެފައިވާ ކަމަށާއި މައްސަލައިގައި ދައުވާކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. ފުލުހުން ނިޒާމުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ދުވަހެއް ޝަފީއު ހާމައެއް ނުކުރައްވައެވެ.

ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން މީހަކު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެ ކާކުކަން ނޭނގޭވަރުވެފައި ކަމުން އެ ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ވ. އަތޮޅުން ފެނުނު އެ ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.

އިތުރަށް މައުލޫމާތު ސާފުކުރުމަށް "ވަން" އިން ފުލުހުންނަށް ގުޅުމުން ވެސް އެ ހަށިގަނޑު ވަޅުލީ ކޮންތާކު ކަމެއް އަދި ކޮން ދުވަހެއްގައި ކަމެއް ފުލުހުން ނުބުނެއެވެ. އޭގެ އިތުރުން އެ ހަށިގަނޑާ ގުޅޭ ތަފުސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑެވެ. ހަށިގަނޑު ފެނިފައިވަނީ ލިޓަން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ލިޓަން އާއި ނިޒާމްއަކީ ތެޔޮބޯޓެއްގައި އެއްކޮށް މަސައްކަތް ކުރި ދެ މީހުންނެވެ. އެ ދެމީހުންވެސް ފުރަތަމަ ގެއްލިގެން ހޯދަން ފެށީ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ވިލިމާލެއިން ތެޔޮބޯޓެއްގައި ފުރައިގެން ގޮސް، ހަބަރެއް ނުވުމުންނެވެ.

ނަމަވެސް ޖެނުއަރީ ދެވަނަ ދުވަހު ނިޒާމު މާލެއިން ފެނިގެން އާންމުންގެ މީހަކު ވަނީ ފޮޓޯއެއް އާންމުކޮށްފައެވެ. އަދި ފަހުން ފުލުހުން ވަނީ އޭނާ ލިޓަންގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައެވެ. ނިޒާމް ހައްޔަރުކޮށްފައިވަނީ ސަލްޓަންޕާކް ކައިރީގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ.