ޚަބަރު

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އެއްބަސްވުން އުވާލި މައްސަލަ، ސިޓީ ކައުންސިލުން މަޖިލީހަށް!

އިބްރާހިމް ޒަކީ

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަގުތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ފެށި "މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ކުރިއަށް ގެންދަން މާލޭ ސިޓީކައުންސިލާއެކު ހަދާފައިވާ އެއްބަސްވުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނާ ހިލާފަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބާތިލު ކޮށްފައިވާ ކަމަށްބުނެ މާލޭ ސިޓީކައުންސިލުން އެ މައްސަލަ ރައްިޔުތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އިތުރުން ސްޓޭޓް އޯންޑް އެންޓާޕްރައިސަސް ކޮމިޓީއަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅައިފައެވެ.

ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، މާލޭ ސްޓްރީޓްސް ސްކޭޕިން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަންފީޒު ކުރުމަށް ހަވާލު ކޮށްފައިވާ އެއްބަސްވުން 23 ޖޫން 2022 އިން ފެށިގެން ނިމުމަކަށް ގެނަސްފައިވާ ކަމަށްބުނެ ޕްލޭނިން މިނިސްޓްރީން އަންގާފައިވާ އެންގުމަކާ ބެހޭގޮތުން މާލޭ ސިޓީކައުންސިލުން ހުށަހަޅާގައިވާ މައްސަލައެއް އެ ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ.

ސިޓީކައުންސިލުން ހުށަހަޅާފައިވަނީ، އެ އެއްބަސްވުން އުވާލާފައި ވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށްކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައުލޫމާތު ކޮމިޓީގެ މެންބަރުންނާ ހިއްސާ ކުރެއްވުމަށްފަހު، އަލީ ނިޔާޒު ވިދާޅުވީ، އެކަމާ މެދު ކޮމިޓީގައި ބަހުސްކޮށް ގޮތެއް ނިންމާނީ، ދެން އޮންނަ ކޮމިޓީ ބައްދަލުވުމެއްގައި ކަމަށެވެ.

ދެހާސް ވިހިވަނަ އަހަރު ފެށި "މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން 120ށްވުރެ ގިނަ މަގު (18 ކިލޯމީޓަރު) ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމިއެވެ. އެއީ 70.1 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.