ބަރަހަނާ ފޮޓޯތަކެއް ހުރިކަމަށް ބުނެ، ޖިންސީ އަމަލެއް ހިންގުމަށް މަޖުބޫރުކުރިކަމަށް ބުނާ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ، ގދ.ވާދޫ / ދިއްގާގަސްދޮށުގެ، އިބްރާހީމް ރަޝީދު، 2016 ވަނަ އަހަރު މެދެއްހާ ހިސާބުގައި، އަންހެނެއްގެ ބަރަހަނާ ފޮޓޯތަކެއް އޭނާގެ އަތުގައި ހުރިކަމަށް ބުނެ ބިރުދައްކައިގެން އޭނާއާއެކު ޖިންސީ އަމަލެއް ހިންގުމަށް މަޖުބޫރުކުރިކަމަށް ބުނާ މައްސަލައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އިބްރާހިމް ރަޝީދުގެ މޯބައިލް ފޯނުން އެ އަންހެން މީހާގެ ބަރަހަނާ ފޮޓޯތަކެއް ފެނިފައިވެއެވެ. އަދި އެ އަންހެން މީހާގެ ބަރަހަނާ ފޮޓޯތަކެއް އޭނާގެ އަތުގައި ހުރި ކަމަށް ތަހުގީގު މަރުހަލާގައި އިބްރާހިމް ރަޝީދު އެއްބަސްވެފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެހެންވެ، "ޖިންސީ ކުށުގެ ގާނޫނު"ގެ 34 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އިބްރާހީމް ރަޝީދުގެ މައްޗަށް ދައުލަތުން ކުރީ ބިރުދައްކައިގެން ޖިންސީ އަމަލެއް ހިންގުމަށް އެހެން މީހަކަށް މަޖުބޫރުކުރުވުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

މި ދައުވާއަށް ޝަރީއަތުގެ މަރުހަލާގައި އިބްރާހިމް ރަޝީދު ވަނީ އިންކާރުކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، އިބްރާހިމް ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެކި ލިބިފައި ނުވާތީއާއި އެ ދައުވާގެ އުންސުރު ހަމަނުވާތީ ދައުވާ ސާބިތު ނުވާ ކަމަށެވެ.

މި މައްސަލައިގައި ނިޔާ ކަނޑައެޅުއްވީ ގާޒީ ސޮފްއަތު ހަބީބެވެ.