ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅޭ ބިދޭސީން އަނބުރާ ފޮނުވާލާ މައްސަލައަށް ހައްލެއް ގެނެވޭނީ، މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކޮށްގެން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ، ރައްޖެން ބޭރުން މަސްތުވާތަކެތި ހިފައިގެން އަންނަ މީހާ އަނބުރާ ފޮނުވާލެވޭގޮތަށް އޮތް "ވައިގެ މަގުން ދިވެހި ރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމުކުރާނެ ގޮތުގެ ގަވާއިދު" ބަދަލު ކުރުމަށް ގޮވާލައި ރައްިޔތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ބެހޭގޮތުން، މަޖިލީހަށް ފޮނުއްވި ލިޔުމެއްގައެވެ.
އެ ލިޔުމުގައި ފުލުހުން ބުނެފައިވަނީ މި އަހަރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ބިލުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމަނާފައިވާ ކަމަށެވެ. މިހާރު ދިމާވެގެން އުޅޭ މައްސަލައަށް އެންމެ ރަނގަޅު ހައްލު ހޯދައިދީ، މިހާރު އޮތް ހާލަތަށް ބަލައި އެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ، ގައުމަށް ވެއްދުމުގެ ބަދަލުގައި މަސްތުވާތަކެތި އަތުލުމަށްފަހު އެފަދަ ފަރާތްތައް އަނބުރާ ފޮނުވާލުމަކީ ޑްރަގު ނެޓްވޯކްތަކަށް އެންމެ ގެއްލުން ބޮޑު ގޮތް ކަމަށް ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުންވެސް ބުރަވާ ކަމަށެވެ.
އެގޮތުން އެމެރިކާގެ ޑްރަގު އެންފޯސްމަންޓު އެޖެންސީން މި ސަރަހައްދައަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުންވެސް، އެންޓްރީ ޑިނައި ކުރާ ހާލަތުގައިވެސް މަސްތުވާތަކެތި އަތުލުމަށްފަހު ފޮނުވުމަށް ލަފާދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު އަމަލު ކުރަމުން އަންނަ ގަވާއިދުގެ ދަށުން ދިމާވާ ކޮންމެ ކޭހެއްގައިވެސް ގޮތް ނިންމާނީ ފުލުހުންނާއި، ކަސްޓަމްސް އަދި އިމިގްރޭޝަން އިން ކަނޑައަޅާ ފޯކަލް ޕޮއިންޓުންގެ މަޝްވަރާ އާއި ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބަލައި ކޮންޓްރޯލްޑް ޑެލިވަރީގެ ދަށުން މައްސަލައާ ގުޅުންހުރި އިތުރު މީހުން ހޯދޭތޯ ބެލުމަށް ފަހުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެކަން ކަމަކީ، އެއީ ރާއްޖޭއަށް އެތެރެކުރާ މަސްތުވާތަކެތި ނޫންކަން ކަށަވަރު ކުރުމަށް ކުރާ އިތުރު މަސައްކަތްތައް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު