ޕީޕީއެމް ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާއިން ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިއަދު ވަނީ އަބްދުއްސަމަދު އިންޑިއާއިން ޑީޕޯޓްކޮށްލާކަން ކަށަވަރުކޮށްދެއްވައިފައެވެ.
"މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އިންޑިއާއިން ޑީޕޯޓްކޮށްލާކަމުގެ މައުލޫމާތު ލިބޭ. އެކަމަކު އަދިވީ ހިސާބެއް ނޭނގެ. އެކަމާ ގުޅޭގޮތުން އަޅުގަނޑުމެން ވަރަށް އަވަހަށް ބަޔާނެއް ނެރޭނަން،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަބްދުއްސަމަދު މިހާރު ވީތަނެއް ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަބްދުއްސަމަދާ އެއްވެސް ވަރަކަށް ކޮންޓެކްޓްނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ ސަފާތު އަހުމަދު ޒާހިރު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އިންޑިއާގައި ހުރި ދިވެއްސަކު އިއްޔެގެ ވަގުތެއްގައި އެގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ސާފުކުރަން ޖެހޭ މައުލޫމާތު އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސާފު ކުރަމުންދާ ކަމަށް ސަފާތު ވިދާޅުވިއެވެ.
އިންޑިއާއިން ޑީޕޯޓްކޮށްލަން ނިންމި އަބްދުއްސަމަދަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ވަރަށް ބޮޑަށް ތާއިދުކޮށް އެ ކެމްޕޭނުގެ ހަރަކާތްތަކުގެ އިސް ސަފުގައި ބައިވެރިވާ ފަރާތެކެވެ.
އަބްދުއްސަމަދު އިންޑިއާއަށް ދިޔައީ އާއިލާއެކު ބޭސް ފަރުވާއަށެވެ. އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓައި ޕާސްޕޯޓުގައި މައްސަލައެއް ހުރި ކަމަށް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު