އަމީނީ މަގު ހަނިކޮށް ހަދަމުންދާތީ މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު އަގެއްގައި ހަދަމުންދާ އަމީނީ މަގުގެ މަސައްކަތް އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށްނުދާ ކަމަށެވެ. އަމީނީ މަގު މިހާރު ހަދަމުންދާ ގޮތުގެ ސަބަބުން ޓްރެފިކަށް ބާރު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަމީނީ މަގުގެ މަސައްކަތް އިންތިހާއަށް ލަސްކޮށް އަދި އެހާމަ އަގުބޮޑުކޮށް (39 މީޓަރުއިން 84 މީޓަރަށް) ހަދަމުންދާ އިރު މަގުގެ ފުޅާމިން ތިން ފޫޓު ދެ އިންޗި ހަނިކޮށް ހަދާ ހެދުމަށް އެއްވެސް ބަދަލެއް ނުގެނައުމަކީ ޕަބްލިކް ޓްރާންސްޕޯޓް ބަސްތައް އަދި ޓޫވޭ ޓްރެފިކްއަށް ކުރިމަތިވާ ދާއިމީ ދަތިތަކެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ޑރ. މުއިއްޒު ވަނީ އަމީނީ މަގު ހަދަމުންދާ ގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން އަމީނީ މަގުގެ ޕޭވްމަންޓް ހަދަނީ ވަރަށް ފުޅާކޮށް ކަމަށާއި އެކަމުގެ ސަބަބުން އެ މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ވިދާޅުވެ ވަނީ ޓްވީޓް ކުރައްވައިފައެވެ.
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު، 210 މިލިއަން ރުފިޔާއަށެވެ.
އާރްޑީސީން އެ މަގު ތަރައްގީކުރަން ނިންމާފައިވަނީ ޒަމާނީ ފެންވަރަށް ތާރު އަޅައިގެންނެވެ. އެމަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެކަމަށް ވެސް އާރްޑީސީން ބުނެފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެކަމަށް ބުނެފައިވެއެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މުއްދަތުގެ ކުރިން މަގުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް އާރްޑީސީން ބުންޏަސް މަސައްކަތް ނިންމިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް މިދިޔަ ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ޕްލޭނިން މިނިސްޓްރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އަމީނީ މަގުގެ މަސައްކަތް ނިންމާލެވޭނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ.
މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުން ޑރ. މުއިއްޒު ވަނީ އެއީ ކޮރަޕްޝަނުގެ އަމަލެއްކަމަށް ތުހުމަތުކޮށްފައެވެ. އޭނާ ވިދާޅުވެފައިވަނީ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން އެ މަގު ހަދަން ކައުންސިލުން ނިންމާފައިވަނީ 39 މިލިއަން ރުފިޔާ ކަމަށެވެ. ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ގެ ދަށުން 2019 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން އާރްޑީސީއާ އެ މަސައްކަތް އަގުހެޔޮކޮށް ހަވާލުކޮށްފައި ވަނިކޮށްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އަމީނީ މަގު ހެދުމުގެ އެއްބަސްވުމެއް ސިޓީ ކައުންސިލާ އެކު ނޯންނާނެ ކަމަށާއި 39 މިލިއަން ރުފިޔާއަށް މަގު ހަދަން އެއްބަސްނުވީ އެ އަގަށް ޒަމާނީ ފެންވަރަށް މަގު ތަރައްގީ ނުކުރެވޭނެތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު