މޮރޮކޯގައި މިހާރު ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލަމެންގޯ ބަލިކޮށް، ސައުދީގެ އަލް ހިލާލުން ފައިނަލަށް ދަތުރު ކޮށްފިއެވެ.

މޮރޮކޯގެ ގްރޭންޑް ސްޓޭޑް ޑި ޓޭންޖާ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ރޭ ހިލާލުން ފްލަމެންގޯ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ހިލާލުން ފައިނަލްގައި ނުކުންނަން ޖެހޭ ޓީމު އެނގޭނީ މިރޭ ރެއާލް މެޑްރިޑާއި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ ވާދަކުރާ މެޗަށްފަހުއެވެ. ރެއާލްގެ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

ރޭގެ މެޗުގެ ހަތަރުވަނަ މިނެޓުގައި ހިލާލުން ވަނީ ލީޑު ނަގައިފައެވެ. ސައުދީ ގައުމީ ޓީމުގެ ފޯވަޑް، ސަލެމް އަލް-ދައުސާރީ ލީޑު ނަގައިދިނީ ޕެނަލްޓީއަކުންނެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ފްލަމެންގޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ފްލަމެންގޯގެ ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލް ގައުމީ ޓީމުގެ ޕެޑްރޯއެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުގައި ފްލަމެންގޯގެ ގާސަންއަށް ރަތް ކާޑު ދެއްކި އިރު، އޭގެ މިނެޓެއް ފަހުން އަލް ހިލާލުން ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ ގާސަންގެ ފައުލަށް ރެފްރީ ދިން ޕެނަލްޓީގައި ދައުސާރީ ޖެހި ގޯލެކެވެ.

ސައުދީގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ހިލާލްގެ ތިންވަނަ ގޯލް ފެނުނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ ލޫސިއާނޯ ޑާރިއޯ ވިއޭޓޯއެވެ. ކުރިން ޕްރިމިއާ ލީގުގައި ކުޅުނު ޑޭވިޑް ލުއިސްއާއި ޗިލީ ގައުމީ ޓީމަށް ކުޅުނު އަރުތޫރޯ ވިޑާލް ހިމެނޭ ފްލަމެންގޯއިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ޕެޑްރޯ އިތުރު ގޯލެއް ޖެހި ނަމަވެސް، ހިލާލުން މެޗު ކާމިޔާބުކުރިއެވެ.

ފީފާ ކްލަބު ވޯލްޑް ކަޕް 2023ގެ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.