ސައިކަލުގެ މަޑި ދަށުން ފެނުނު ޑްރަގުގެ މައްސަލައެއް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ބާތިލުކޮށް، އެ މައްސަލައިގައި ހިމެނޭ މީހާ އުމުރު ދުވަހަށް ޖަލަށް ލުމާ އެކު 100،000 ރުފިޔާ އިން ޖޫރިމަނާކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ، 19 ޖެނުއަރީ 2018 ވަނަ ދުވަހުގެ 20:30 އެހާކަންހާއިރު، އައިހަމް މުހައްމަދު، މއ. ރުތު، އާއި އިތުރު މީހަކު ހުޅުމާލޭ ފެރީން ފޭބި ވަގުތުގައި އައިހަމް ދުއްވަން ހުރި ސައިކަލުގެ މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން 246.7 ގްރާމުގެ ކެނެބިސް ފެނުނު މައްސަލައެވެ.
މި މައްސަލައިގައި އޭނާއަށް ކުރި ޑްރަގް ޓްރެފިކިން ދައުވާ ކްރިމިނަލް ކޯޓުން ސާބިތުނުވުމުން ދަށު ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފުކުރުމުން، ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ މަޑިދަށުގައި ހުރި މަސްތުވާތަކެތި ފެނުނު ސައިކަލަކީ އައިހަމްގެ ކޮންޓްރޯލުގެ ދަށުގައި ހުރި ސައިކަލެއް ނޫން ކަމަށް އޭނާ ބުނާ ބުނުން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
މި މައްސަލައިން ދިފާއުވާން އައިހަމް ނެގީ މައިގަނޑު ދެ ކަމެކެވެ. އެއީ، މަސްތުވާތަކެތި ފެނުނު ސައިކަލު ފެރީގައި ހުރިއިރު އޭނާގެ ކޮންޓްރޯލް ނެތްކަމާއި މަޑިދަށަށް މަސްތުވާތަކެތި ލާފައި ވަނީ އޭނާ ފެރީއަށް ސައިކަލު އެރުވުމާއި ބޭލުމާއި ދޭތެރޭ ހޭދަވީ ވަގުތުގެ ތެރޭގައި "ލަނޑެއް" ދޭން ވެގެން ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ މީހަކަށް ލަނޑެއްދިނުމަށް 246.7 ގްރާމް ލައިފާނެ ކަމަށް ނުބެލެވޭ ކަމަށާއި އަދި އެއީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށްދެވިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން މަޒީދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިިޔާރު ހުޒައިފާ މުހައްމަދު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު