ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިރޭ ބުނީ އެތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރި ކަމަށާއި އަދި އޭގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ބްރެޒިލްގެ އެ ފަސިންޖަރު "ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން ތަންފީޒީ އިދާރާތަކުގެ މަޝްވަރާގެ މަތިން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އަނބުރާ ރާއްޖެއިން ފޮނުވާލާފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.