މި އަހަރަށް ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފާގަތި އަހަރެއް ކަމަށެވެ. މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށާއި އެހެން ނަމަވެސް އަހަރު ނިމިގެން ދިޔައީ އެ ޓާގެޓަށްވުރެ މަތީން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެން ކަމަށް ވިދާޅުވިއެވެ.
"މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު. ހުސްވި ޖެނުއަރީ މަހުގެ ނިޔަލަށް 172,536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެއް." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިދައުރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 16758 އެނދު އިތުރު ކުރެވިއްޖެ ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫއު ފެށެނީ އައްޑޫއާ ހަނިމާދޫގެ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އެ އާޕޯޓުތައް ނިމެމުންދާއިރު، އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރު ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއާއި އައްޑޫގައި ތަރައްގީކުރާ ފަސް ރިޒޯޓަކީ މި މަސައްކަތް ކަމަށާއި ހަމައެގޮތަށް އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކަކީ ހަނިމާދޫ އެއާޕޯޓާ ގުޅިފައިވާ ރިޒޯޓުތައް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެސްއެމްއީ ބޭންކް ތައްޔާރު ވަމުންދާނީ މިދެ ސަރަހައްދުގައި ކުދި ވިޔަފާރިވެރިން އުފައްދާ ކޮޅަށް ޖެހުމަށް ކަމަށެވެ. ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓާތަކުން އެސަރަހައްދުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަމާއި ފަހި ފުރުސަތު ލިއްބައިދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު