އަމާޒަކީ ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ މިއަހަރު ނިންމުން ކަމަށާއި އަދި އައްޑޫ އެއާޕޯޓުގެ މަސައްކަތް މި މަހު ހަވާލުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ އެއާޕޯޓް އެޅުމުގެ އެންމެ ބޮޑު ދެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އަމާޒަކީ އެ އެއާޕޯޓްގެ އާ ރަންވޭ މި އަހަރުގެ ފަހު ކުއާޓަރުގައި ނިންމުން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އައްޑޫ އިންޓަނޭޝަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މި ފެބްރުއަރީ މަހު ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން ފަރެސްމާތޮޑާ އެއާޕޯޓް އަންނަ މަހު ހުޅުވޭނެ ކަމަށާއި މަގޫދޫއާއި މުލީ އެއާޕޯޓުވެސް މި އަހަރު ނިމޭނެ ކަމަށެވެ. އޭގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި ތަރައްގީކުރާ އެއާޕޯޓާއި ދެންވެސް ކޮންމެހެން ބޭނުންތެރި ޑޮމެސްޓިކް އެއާޕޯޓްތަކާ އެކު މުޅި ރާއްޖެ ވައިގެ މަގުން ގުޅާލައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 18 ގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ.

އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.