ޚަބަރު

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭއިން ފެށިގެން ބޮޑުކުރާނެ ކަން ރައީސް އިއުލާނުކުރައްވައިފި

އަލީ ޔާމިން

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މޭއިން ފެށިގެން ބޮޑުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނުކުރައްވައިފިއެވެ.

ރައީސް އެކަން އިއުލާނުކުރެއްވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަަވަމުންނެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ އަހަރު ތަންފީޒުކުރި މިނިމަމް ވޭޖްގެ ބޮޑު ބަދަލަށް އަހަރެއް ވެފައިވާއިރު އެއީ ދިވެހި އެތަކެއް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މަދުވެގެން 10 އިންސައްތައިގެ ސާވިސް ޗާޖެއް ނަގައި ރިސޯޓު މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުން ލާޒިމްކުރާ ގާނޫނީ ބަދަލާއެކު ރިސޯޓު މުވައްޒަފުންގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ތައުލީމީ ދާއިރާގެ ޕޭހާމަނައިޒްކޮށް އެމަނިކުފާނު ކުރީން ވިދާޅުވި ތާރީހަށް އެދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެންނެވި ކަމަށާއި އަންނަ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްދެއްވާނެ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން އެ އެލަވަންސްވެސް ލިބެން ފަށާނެ ކަމަށާއި އަންނަ މާޗު މަހު ރާއްޖޭގެ ޔުނިވަސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް އެ ހެޔޮ ބަދަލު އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަހަރު ކުރިއަށް އޮތީ ސިއްހީ ދާއިރާ. އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ 1 ން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ. ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުންނާއި ޖުމުލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވި ގޮތުގައި މަސައްކަތާއި ދިރިއުޅުމުގެ މާހައުލުގައި ގާނޫނުގެ ރައްކާތެރިކަމާއި ގހިމާޔަތް އޮންނަން ޖެހެ އެވެ. އަދި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލް، ސަރުކާރުން މިހާރު ވާނީ މަޖިލިހަށް ފޮނުވާފައި ކަމަށާއި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް މަޖިލީހުގެ މިދައުރަށް ސަރުކާރުން ފޮނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިބިލްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވުމަށް ވެސް މެންބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި އެވެ.