ޚަބަރު

މިނިމަމް ވޭޖާއި ސާވިސް ޗާޖުގެ ބަދަލު: އާމްދަނީއަށް އައި ބަދަލުން އާއިލާތަކުގެ ހާލަތު ރަނގަޅުވެއްޖެ: ރައީސް

އަލީ ޔާމިން

1

މިނިމަމް ވޭޖު ކަނޑައެޅި ސާވިސް ޗާޖުގެ ބޮޑުވުމުގެ ސަބަބުން އާމްދަނީއަށް އައި ބަދަލުން އާއިލާތަކުގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ އުފާފާގަތި ދިރިއުޅުން ކަށަވަރު ކުރެވޭނީ ސަރުކާރުން ތަންފީޒު ކުރާ ސިޔާސަތު ތަކަކުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ތަންފީޒުކުރަން ފެށި މިނިމަމް ވޭޖުގެ ސަބަބުން 33،500 މުވައްޒަފުންނަށް ސީދާ ގޮތުން އެކަމުގެ ފައިދާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހު ގެޒެޓްކުރި ސާވިސް ޗާޖާއި ގުޅޭ ބަދަލުގެ ސަބަބުން މަދުވެގެން 10 ޕަސެންޓްގެ ސާވިސް ޗާޖެއް ނަގައި މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުން ލާޒިމްވާ ކަމަށެވެ. އެއާއެކު މުވައްޒަފުންގެ އާމްދަނީއަށް އައި ބަދަލުން އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ތައުލީމީ ދާއިރާގެ މުސާރަތައް ބޮޑުކޮށްފައިވާ ކަމަށާއި އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަތައްވެސް ބޮޑުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށްވެސް މެއި މަހުން ފެށިގެން އެ އެލަވަންސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟