ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް ނިމެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވައިދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރާއްޖޭގައި ތައުލީމު އެއްހަމަކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހުނު ކަމަކީ ވަސީލަތްތައް ގާއިމުކުރުން ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރުވެސް ތައުލީމީ ދާއިރާއަށް ދަތިތައް ހުރިކަމަށް ވިދާޅުވިއެވެ.

"ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު. ކްލާސްރޫމް ނެތިގެން، ފުރާޅު ހިޔާނުވެގެން، އަތްވާއި ވާރޭގައި ގަހެއްގެ ދަށުގައި ހުންނަ ގޮނޑިއެއްގައި އެކުއްޖާ ބައިންދާކަށް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލް ނިމެމުން އަންނަ ކަމަށެވެ.

"މީގެ އިތުރަށް ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމުރާނީ މަޝްރޫއުވެސް އެދަނީ ހިނގަމުން ނިމެމުން." ރައީސް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ފަރާތްތަކަށް ބޭނުންވެ ނުވެހުރި ވަރަށް ގިނަ ކަންކަން މިހާތަނަށް ފުރިހަމަކޮށްދެވިފައިވާ ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހިންގަން ޖެހޭ މަޝްރޫއުތައް ސަރުކާރުން ހިންގާނެ ކަމަށެވެ.