މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ މައުލޫމާތު ދިނުމުގެ މަސައްކަތް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވައިދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ދުނިޔެއާއި އާހިރަތުގެ ކާމިޔާބާ ފަލާހް އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ކަމަށެވެ.

ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ސައްހަ އަގީދާ އާއި ރިވެތި އަހުލާގާއި ނުލައި ފުރިހަމަ ޖީލެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

"މިގޮތުން މިދިޔަ އަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތުދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު" ރއީސް ވިދާޅުވިއެވެ.

ހައްދަކީ ކޮންމެ ކޮޅަކަށްވެސް ފަހަނަ އެޅޭ އެއްޗެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދީނުގެ ނަމުގަައި އަދި ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ތަފާތުތަކާއެކުވެސް އެކަތިގަނޑެއްގެ ގޮތުގައި ދިވެހީންނަށް ތިބެވެނީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ ސަބަބުން ކަމަށެވެ.