އެމްޑީޕީގެ ވިޕް ލައިނާ ހިލާފުވުމުން އެ ޕާޓީގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމަށް ފިޔަވަޅު އަޅައިފިއެވެ.
ސަރުކާރުން ހުށަހެޅި ޖީއެސްޓީ ހަ ޕަަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ.
އެ ބިލް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު އެމްޑީޕީ ޕީޖީ ގްރޫޕުގެ މެމްބަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ތްރީ ލައިން ވިޕް ފާސްކުރި ނަމަވެސް އެ ބިލަށް މަޖިލީހުން ވޯޓަށް އެހި ދުވަހު އާޒިމް ހިމެނޭހެން އެމްޑީޕީގެ އިތުރު 13 މެމްބަރަކު ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފައެވެ.
ވިޕް ލައިނާ ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ "ވަން" އަށް މީގެ ކުރިން ވިދާޅުވެފައެވެ.
އެމްޑީޕީން މިއަދު ވަނީ ވިޕް ލައިނާ ހިލާފުވުމުގެ ސަބަބުން އާޒިމް ނަސޭހަތްދީ ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވަނީ "މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލަށް ނެގުނު ވޯޓުގައި އާޒިމް ތްރީލައިން ވިޕާ ހިލާފުވެފައިވާ ކަމަށެވެ. ވިޕެއް ކަނޑައަޅާފައިވާނަމަ، ޕާލިމެންޓްރީ ގްރޫޕުގެ ކޮންމެ މެބްރަކު މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށާއި އަދި ވިޕް ލައިނާ އެއްގޮތަށް ވޯޓު ދޭން ޖެހޭނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
"ލީޑާޝިޕްއަށް ގަބޫލްކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިގެން ކުރިން ހުއްދައަށް އެދުމަކާ ނުލައި ތްރީލައިން ވިޕަށް އަމަލުކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރިނުވުމަކީ ކުށެއް. އެހެންކަމުން ވިޕްލައިނާ ހިލާފު ނުވުމަށާއި ޕާލިމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިންނާ އެއްގޮތަށް ވޯޓު ދިނުމަށް ޕާލިމެންޓްރީ ގްރޫޕު ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތިޔަ އިއްޒަތެރި މެންބަރަށް ނަސޭހަތްތެރި ވަމެވެ،" އެމްޑީޕީން ބުންޏެވެ.
ވިޕްލައިނާ ހިލާފުވުމުގެ ސަބަބުން ނަސޭހަތް ދިނުމުން އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ވޯޓު ނުދިނުމުން އޭނާ ކުރެއްވީ ކުށެއް ކަމަށް ބުނެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އާޒިމް ބުނީ އެމްޑީޕީން އޭނާއަށް ސިޓީ ފޮނުވާފައިވަނީ ބަރަވެލި ދުވެލީގައި ކަމަށާއި އެ ސިޓީގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އޭގައި ސޮއިކުރައްވައި ޖައްސަވާފައި އޮތީ 16 ނޮވެމްބަރު 2022 ގެ ތާރީހު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު