ތިލަފުށިން ބިދޭސީންނަށް ދިގު މުއްދަތަކަށް ބިން ވިއްކާގޮތަށް ހަމަޖައްސާފައިވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ސިނާއީ ބޭނުމަށް ބިން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ބިޑް ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެނަމަ ބިން މިލްކުވާނެ ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރި ފަރާތަކީ ރާއްޖެއިން ބޭރުގެ ކުންފުންޏެއް ނަމަ، 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އެމްއެންޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ސިނާއީ ހަބަކީ މާލެ ކަމަށާއި މާލޭގެ ސިނާއީ ތަރައްގީއަށް ތިލަފުއްޓަކީ ވަރަށް މުހިންމު ރަށެއް ކަމަށެވެ. އެފަދަ މުހިންމު ތަނެއް 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް އޮތުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.

"މާލޭގެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށްވާ އިރު، މާލޭގެ ސަރަހައްދުން، ހާއްސަގޮތެއްގައި މާލޭގެ ސިނާއީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަޙައްދަކުން، ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން (99 އަހަރަށް ދިނުމަށް) ހުޅުވާލުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީން ކަންބޮޑުވާ ކަމެކެވެ. ހާއްސަ ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ..،" އެމްއެންޕީން ބުންޏެވެ.

އެމްއެންޕީން ބުނީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އުޅެނިކޮށް އެ ވިޔަފާރިތަކަށް ހުރި ރައްކާތެރިކަމުގެ އުސޫލު ނިގުޅައިގަތުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ތިލަފުށީގެ ބިން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ކުއްޔަށް ދެވޭގޮތަށް އޮތުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށާއި ދިވެހި ރައްޔިތުންގެ މާލީ ހާލަތަށް ގެއްލުންވާނެ ކަމެއް ކަމަށް އެމްއެންޕީން ބުންޏެވެ.

އެމްއެންޕީން ގަބޫލުކުރަނީ ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެ ފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ތިލަފުށީގެ ސިނާއީ ސަރަހައްދުން ބޭރުމީހުންނަށް ބިން ވިއްކުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްއެންޕީން ބުންޏެވެ.