ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައިވާ ކެމެރާތައް ފުލުހުންނަށް ބެލޭނެ ގޮތް ހެދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާގެ 16 ޓަވަރުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑް ކުރާ މަންޒަރުތަކާއި އަޑުތައް ފުލުހުންނާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
އެ އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
ފުލުހުން ބުނީ އެ އެއްބަސްވުމުގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީނުމަށް އެހީއަކަށްވާނެ ކަމަށެވެ.
ހިޔާގެ ކޮންމެ ކޮންމެ ފްލޯއެއްގައި މިހާރު ހަރުކޮށްފައިވަނީ ހަތް ކެމެރާއެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ ޓަވަރުތަކުގައި ޖުމްލަ 3،282 ކެމެރާ ހަރުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު