ކްލަބު އީގަލްސްއަށް ކުޅެމުންދިޔަ ގައުމީ ޓީމުގެ ފޯވަޑް، ހަސަން ރާއިފް (ހަންނަ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ހަންނަ މާޒިޔާއަށް ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އީގަލްސްއާއެކު ގިނަ ފަހަރުތަކެއްގެ މަތިން، ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ ހަންނައަކީ އެ ކްލަބަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. 2016 ވަނަ އަހަރުން ފެށިގެން އެ ޓީމުގެ ފޯވަޑް ލައިނުން މުހިންމު ރޯލެއް އަދާކޮށް، ހަންނަ ވަނީ މިދިޔަ އަހަރު ގައުމީ ޓީމުގައިވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ.

ހަންނަ ވަނީ މިދިޔަ އަހަރު މާޗު މަހު، ރާއްޖޭގެ ގައުމީ ޓީމުން ބަންގްލަދޭޝް ބަލިކުރި މެޗާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރުނާއީއާއި ލާއޯސް އަތުން ރާއްޖެ މޮޅުވި މެޗުގައި ގޯލު ޖަހައިފައެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ތައްޔާރުވަމުންދާ އިރު، އެ ކްލަބުން މިހާތަނަށް ވަނީ މުހިންމު ކުޅުންތެރިންތަކެއްގެ އެއްބަސްވުންތައް އާކޮށްފައެވެ. މާޒިޔާއިން އެއްބަސްވުން އާކުރި ކުޅުންތެރިންގެ ތެރޭގައި ހަމްޒާ މުހައްމަދު، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެއެވެ.

ރާއްޖޭގެ ސީޒަން އަންނަ މަހު ފަށަން ތައްޔާރުވަމުންދާ އިރު، މާޒިޔާ ފިޔަވާ އިތުރު ކްލަބަކުން އަދި ތައްޔާރު ވަމުންދާ ތަނެއް ނުފެނެއެވެ.

މާޒިޔާއިން އެންމެފަހުން ތިން އަހަރުވެސް ރާއްޖޭގެ ޗެމްޕިއަންކަން ހޯދި އިރު، އެޓީމުން ވަނީ ތިން ފަހަރު އެފްއޭ ކަޕް ތަށިވެސް ކާމިޔާބު ކޮށްފައެވެ.