ސިޔާސީ މައިދާނަށް އަލުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ރާއްޖެއިން ޑިމޮކްރަސީ ނެތިގެންދާތީ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށްޓަކައި ބާއްވާ ބޮޑު މަހާސިންތާ "ހޯފް ކޮންފަރެންސް" ގައި ޑރ. ވަހީދު ވިދާޅުވީ ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން ހަރަކާތްތެރިވެވަޑައިގެންފައިވާނެ ކަމަށެވެ. އެ މަނިކުފާނު މިއަދު ސިޔާސީ މައިދާނަށް ނުކުންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށާއި އަރާމުކުރައްވައި ހިތްފަސޭހަކަމާއެކީ މިހާރު އުޅެއްވެވިދާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދު ވިދާޅުވީ އެގޮތަށް ކަންތައް ކުރެއްވެން ހުއްޓަސް ސިޔާސީ މައިދާނާ ދުރުގައި ހުންނެވުމަށް އެ މަނިކުފާނުގެ ޒަމީރު ގަބޫލުނުކުރައްވާ ކަމަށެވެ. އެ މަނިކުފާނު ރައްޔިތުން މަޖިލީހުގައި އުޅުއްވި ދުވަސްވަރު ވަނީ ޑިމޮކްރަސީ ގެންނަން ބުރަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި މުޒާހަރާތަކުން ހައްޔަރުކޮށް ދަންވަރު ވަންދެން ފުލުސް އޮފީހުގައި ބެހެއްޓި ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
"ޑިމޮކްރަސީއަކީ ރައްޔިތުންގެ ފަރާތުން އުފެދިގެން އަންނަ ރައްޔިތުންނަށް ލާބަހުރި ރައްޔިތުންގެ ވެރިކަމެއް ކުރުން. އެއަށް އަޅުގަނޑުމެން ޑިމޮކްރަސީއޭ މިކިޔަނީ. އެހެންވީމާ ޑިމޮކްރަސީ ހޯދުމަށްޓަކައި ލައްކަ ބުރައް މަސައްކަތްތެއް ކުރެވިއްޖެ. އެ މަސައްކަތްތައް ކުރަމުން، ކުރަމުން، ކުރަމުން އައިސް މިދިޔަ ހަތް އަހަރު މި ސަރުކާރުގެ ކުރިން އައި ހަތް އަހަރު އެއީ އަޅުގަނޑާއި ރައީސް ޔާމީނާ މި ގައުމުގައި ކުރި ވެރިކަން އަޅުގަނޑުމެން ކުރީ ޑިމޮކްރަސީގެ އުސޫލުން. އެ ދުވަސް މިއަދު މިއޮތީ ބަދަލުވެފަ. މިއަދު އަޅުގަނޑުމެންގެ ހައްގެއް ނެތް. ދެންމެ ތިއިވިވަޑައިގަތީ އަޅުގަނޑަށް ވުރެ މާ ގާބިލު، އިލްމުވެރި ބޭފުޅެއް ދެންމެ ގާނޫނީ ކަންތަކާ ވާހަކަ ދައްކެވީ. އެއީ މި ހައްގުތައް އަޅުގަނޑުމެންގެ ނެތީމާ މިއަދު އަޅުގަނޑުމެންނަށް މި ނުކުންނަން ޖެހުނީ،" ޑރ. ވަހީދު ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުގައި ވެރިކަންކޮށްދެއްވި ޒައީމް މިހާރު ވަނީ ޖަލު ބަންދުގައި ކަމަށާއި "ހޯޕް ކޮންފަރެންސް" އާއެކު ޔާމީން އެނބުރި ވަޑައިގަންނަވާނެކަމުގެ އުއްމީދު އާވެފައިވާ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. އެ މަނިކުފާނުގެ އުއްމީދަކީ ޔާމީނާއެކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުން ކަމަށާއި ރާއްޖެއަށް އަލުން ޑިމޮކްރަސީ ގެނެވޭނީ ޔާމީންގެ ވެރިކަމެއްގައި ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ އުއްމީދަކީ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދޭނެ ވެރިކަމެއް ރާއްޖޭގައި ގާއިމްވުން ކަމަށާއި ހެޔޮވެރިކަމެއް ގާއިމްކުރާ ބަޔަކު އެންމެ ފުރަތަމަ ވިސްނާނީ ރައްޔިތުންނާމެދު ކަމަށެވެ. ވެރިކަމަކީ ރައްޔިތުން ހަވާލުކުރާ އަމާނާތެއްކަން ދެނެގަންނަން ޖެހޭނެ ކަމަށާއި ރައްޔިތުން ވެރިކަން ކުރުމުގެ އަމާނަތް ހަވާލުކުރުމުން، އެ އަމާނާތަށް "ހަރާންކޯރު" ވުމަކީ ވެރިކަން ކުރުން ނޫން ކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެންގެ ގައުމުގެ ރައުސްމާލު ތިން ބިލިއަން ހަތަރު ބިލިއަން ޑޮލަރުގެ ރައުސްމާލެއް މި ހަވާލުކުރަނީ ވެރިންނާ. ހަވާލުކުރީމާ އޭގެ ބޮޑު ބައެއް ނަހަމަ ގޮތުގައި ފޭރިގެންދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. ގާތް ރަހުމަތްތެރިންނަށް ބަހާލާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. ގައުމުގެ އިގުތިސޯދު ހަލާކުވެގެންދާތަން މި ފެންނަނީ،" ޑރ. ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދު ވިދާޅުވީ ހެޔޮވެރިކަމަކީ ނަޒާހަތްތެރި ވެރިކަމެއް ކަމަށާއި ވެރިންނާ ހަވާލުކުރާ ކަންތައްތަކަށް އެ ފަރާތްތަކުން ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ވެރިންނާ ހަވާލުކުރެވެނީ ހަމައެކަނި ފައިސާ ނޫން ކަމަށާއި ރައްޔިތުންގެ ތަރިކަ އާއި އާދަކަދާ އާއި އިސްލާމްދީންވެސް ވެރިންނާ ހަވާލުކުރާ ކަމަށެވެ. އެކަންކަމަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ވެރިޔަކީ ހެޔޮވެރިކަން ކުރައްވާ ފަރާތެއް ނޫން ކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ހޮޔޮވެރިކަމުގެ ސިފަތަކުގެ ތެރޭގައި ރައްޔިތުންނަށް އިހުލާސްތެރިވުން ހިމެނޭ ކަމަށެވެ. ރައްޔިތުންނަށް އިހުލާސްތެރިވުމަކީ އެންމެ ފުރަތަމަ ދިވެހިންނާއި ރާއްޖެ އިސްކުރުން ކަމަށެވެ.
ނަމަވެސް މިއަދު ފެންނަނީ ދިވެހިންނަށް މަންފާވާން ހުރި ކަންކަމުގައި ބޭރު މީހުންނަށް އެ މަންފާތައް ހަވާލުކުރާތަން ކަމަށެވެ. ހެޔޮވެރިކަމުގެ ސިފަތަކުގެ ތެރޭގައި އަދުލުވެރިވުން ހިމެނޭ ކަމަށާއި ނަމަވެސް މިއަދު ފެނިގެންދަނީ އަދުލުވެރިވުމުގެ ބަދަލުގައި އަނިޔާވެރިވާ މަންޒަރު ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.