އިނގިރޭސި ލީގަށް މިހާތަނަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔާގެ ގޮތުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ޗެލްސީއާ ގުޅިއްޖެއެވެ.
ޗެލްސީއަށް އެންޒޯ ގެންދަން ބެންފިކާއާއެކު އެ ކްލަބުން އެއްބަސްވެފައި ވަނީ ރެކޯޑް 107 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ އެންޒޯގެ ރިލީސް ފީވެސް މެއެވެ. އެ އަގު ޗެލްސީން އެންޒޯއަށް ދެއްކުމާއެކު ކުރިން މެންޗެސްޓާ ސިޓީން 100 މިލިއަން ޕައުންޑްގެ އަގަކަށް ނިންމި ޖެކް ގްރީލިޝްގެ ޓްރާންސްފާގެ ރެކޯޑު ވަނީ މުގުރާލައިފައެވެ.
އެންޒޯގެ އަގު ޗެލްސީން އަދާކުރަން ނިންމާފައިވަނީ ބައިބަޔަށް ބަހާލައިގެންނެވެ. މި ވަގުތަށް ޗެލްސީން 40 މިލިއަން ޕައުންޑް ބެންފިކާއަށް ދައްކާފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން ޖުމުލަ އަގު އަދާކުރަނީ ހަ ބަޔަކަށް ބަހާލައިގެންނެވެ.
ގަތަރު ވޯލްޑް ކަޕް 2022ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އުމުރުން 21 އަހަރުގެ އެންޒޯގެ ޓްރާންސްފާގެ އަގުން ބައެއް އޭނާ ކުރިން ކުޅުނު ރިވާ ޕްލޭޓަށް ދޭންވެސް ބެންފިކާއިން ވަނީ ނިންމައިފައެވެ.
ބެންފިކާ އިން މި ސީޒަނަށް އެންޒޯ ގެންދިޔައީ ރިވާ ޕްލޭޓުންނެވެ. 2019 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެންޒޯ ރިވާ ޕްލޭޓުގައި ހޭދަކުރި ނަމަވެސް، އޭނާ މިދިޔަ ސީޒަންގައި ކުޅެފައި ވަނީ ޑެފެންސިޔާ ވައި ޖަސްޓިސިއާއަށެވެ. އެއީ ލޯން އެއްބަސްވުމެއްގައެވެ. އެންޒޯ ވޯލްޑް ކަޕާއެކު މިހާތަނަށް އާޖެންޓީނާއަށް 10 މެޗު ކުޅެފައިވާ އިރު، ވޯލްޑް ކަޕްގައި އޭނާ ފެނުނީ ތަފާތު މޮޅުކޮށެވެ. ހާއްސަކޮށް މެކްސިކޯ ކޮޅަށް ޖެހި ހިތްގައިމު ގޯލު ފާހަގަކޮށްލެވުނެވެ.
މި ޓްރާންސްފާ ސީޒަނުގެ އެންމެފަހު ދުވަހެއްގެ ގޮތުގައި އިއްޔެ ފާހަގަވެފައިވާ އިރު، "ޑެޑް ލައިން ޑޭ" ތަފާތު ޓްރާންސްފާތަކެއް ފެނިގެން ގޮސްފައިވެއެވެ. ޗެލްސީއަކީ ޓްރާންސްފާ ސީޒަނުގައި އެންމެ ހަރަކާތްތެރި ޓީމުގެ ގޮތުގައި ފާހަގަކޮށްލެވުނު އިރު، ފަހު ދުވަހު އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ އާސެނަލަށް ބަދަލުވެފައެވެ. ޗެލްސީގެ ހަކީމް ޒިޔެޗް ޕީއެސްޖީއަށް ދާން ހުރިހާ ކަމެއް ނިންމައި ފްރާންސަށް ދިޔަ ނަމަވެސް ލިޔެކިޔުންތައް ލަސްވުމުން އެ ޓްރާންސްފާ ވަނީ ހުއްޓިފައެވެ. އެކަމަށް ހައްލެއް ލިބޭތޯ ޕީއެސްޖީން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ދެން ފާހަގަކޮށްލެވުނީ މެންޗެސްޓާ ޔުނައިޓެޑުން ލޯން އެއްބަސްވުމެއްގައި އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާގެ ސޮއި ހޯދި ހޯދުމެވެ. ޔުނައިޓެޑުން ސަބިޓްޒާގެ ސޮއި ހޯދީ އެ ޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއަށް އަނިޔާވުމުންނެވެ.
ޔުނައިޓެޑުން ސަބިޓްޒާ ގެންދިޔައީ ލޯން ފީއެއްގެ ގޮތުގައި ހަތަރު މިލިއަން ޕައުންޑް ދެއްކުމަށް ފަހުއެވެ. އުމުރުން 28 އަހަރުގެ ސަބިޓްޒާ ބަޔާންއަށް ކުޅެމުންދާ އިރު، ބަޔާނުން މި ޓްރާންސްފާ ސީޒަނުގައި އެންމެ ފާހަގަކޮށްލެވޭ ޓްރާންސްފާއަކަށް ކުރީ ޑިފެންޑަރު ޖާއޯ ކަންސެލޯ މެންޗެސްޓާ ސިޓީގައި ހުއްޓާ ގެންދިއުމެވެ.
ސަބިޓްޒާ ބަޔާންގެ ކުރިން އާރްބީ ލެއިޕްޒިގުން ފާހަގަވި އިރު، ބަޔާންއަށް 2021 ވަނަ އަހަރު ބަދަލުވިފަހުން ކުޅެފައިވަނީ 54 މެޗެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް