އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެ އިންތިހާބު އޮބްޒާވްކުރަން ހަމަޖެއްސި މީހުންގެ ތެރެއިން ވޯޓުލާ މަރުކަޒުން ބޭރުކުރި އެކަކީ އެމްޑީޕީ މެމްބަރެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އިއްޔެ އެމްޑީޕީގެ ޕްރައިމަރީ ކުރިއަށްދިޔަ ވަގުތު، ނަޝީދުގެ ކެމްޕޭން ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ގދ. ރަތަފަންދޫން ނަޝީދުގެ ދެ އޮބްޒާވަރަކު ވޯޓުލާ މަރުކަޒުން ބޭރުކޮށްލާފައިވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން އިބުރޭ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފަސޭހަކޮށްދެން މަންދޫބުންގެ ގޮތުގައި އެމްޑީޕީގެ ކޮންމެ މެމްބަރަކުވެސް ބެހެއްޓިދާނެ ކަމަށް އަންގާފައިވާނެ ކަމަށެވެ.
"އެމްޑީޕީ މެމްބަރެއް ނޫން މީހަކު ނުބެހެއްޓޭނެކަންވެސް އެންގިން. މިއީ ގަވާއިދު ބުނާ ކެންޑިޑޭޓުންގެ މަންދޫބެއް ނޫން،" އެކަކީ އެހެން ޕާޓީއަކަށް ނިސްބަތްވާ މެމްބަރެއްކަން އަންގައިދިނުމަށް ސްކްރީންޝޮޓަކާއެކު ކުރެއްވި ޓުވީޓުގައި އިބުރޭ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުން ދައްކާގޮތުގައި ބޭރުކުރި ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރަކީ ޕީޕީއެމްގެ މެމްބަރެކެވެ. އަދި އަނެއް މެމްބަރު ނިސްބަތްވަނީ އެމްޑީޕީއަށެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވަނީ ހަމަނުޖެހުންވެސް ހިންގައިފައެވެ. އެގޮތުން ވޯޓު ފޮށި ފަޅާލުމުގެ ދެ މައްސަލައަކާއި ވޯޓު ގުނަން ތައްޔާރުވެފައިވަނިކޮށް، ވޯޓު ކަރުދާސް ހިފައިގެން ދުއްވައިގަންނަން ވަނީ މަސައްކަތްކޮށްފައެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އެންމެން މިހާރު ވަނީ ދޫކޮށްލައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.