ޚަބަރު

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ: ރައީސް ސޯލިހަށް 24،566 ވޯޓު، ނަޝީދަށް 15،641 ވޯޓު

މުހައްމަދު އިޝާން

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު 24،566 ވޯޓު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް ސޯލިހު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ.

މިހާރު ހުރިހާ ފޮށްޓެއްގެ ވަގުތީ ނަތީޖާ ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ދާއިމީ ނަތީޖާ އިއުލާން ކުރާއިރުވެސް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ރައީސް ސޯލިހު ވަނީ 61 ޕަސަންޓުގެ ވޯޓު ހޯއްދަވައިފައެވެ. އަދި ނަޝީދު ހޯއްދެވީ 39 ޕަސަންޓުގެ ވޯޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 57،255 މީހަކަށް އޮތެވެ. ނަމަވެސް ވޯޓު ލާފައިވަނީ 40،887 މީހެކެވެ. އެއީ 71.41 ޕަސަންޓް މީހުންނެވެ.

ވަގުތީ ނަތީޖާތަކަށް ބަލާއިރު ރައީސް ސޯލިހު ވަނީ ތިން ސިޓީއަކުން ކާމިޔާބު ހޯއްދަވައިފައެވެ. މާލެއިން ރައީސް ސޯލިހަށް 2،199 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް މާލެއިން ލިބިވަޑައިގަތީ 2،115 ވޯޓެވެ. އައްޑޫ ސިޓީން ރައީސް ސޯލިހަށް 2،757 ވޯޓު ލިބިވަޑައިގެންނެވި އިރު، އެ ސިޓީން ނަޝީދަށް ލިބިވަޑައިގަތް ވޯޓުގެ އަދަދަކީ 2،536 އެވެ. އަދި ފުވައްމުލަކު ސިޓީން 773 ވޯޓު ރައީސް ސޯލިހަށް ލިބިވަޑައިގަތެވެ. ފުވައްމުލަކުން ނަޝީދަށް ލިބިވަޑައިގަތީ 699 ވޯޓެވެ.

ކުޅުދުއްފުށި ސިޓީން ނަޝީދު ވަނީ 245 ވޯޓު ލިބިވަޑައިގެން ރައީސް ސޯލިހަށްވުރެ ކުރި ހޯއްދަވައިފައެވެ. ރައީސް ސޯލިހަށް ކުޅުދުއްފުށިން ލިބިވަޑައިގަތީ 219 ވޯޓެވެ.

އާބާދީ ބޮޑު އަތޮޅުތަކުގެ ތެރެއިން ގއ. ގދ އިން ވެސް ކުރި ހޯއްދެވީ ރައީސް ސޯލިހެވެ. ގއ. އަތޮޅުން ރައީސް ސޯލިހަށް 1،413 ވޯޓު ލިބިވަޑައިގެންނެވި އިރު، ގދ. އަތޮޅުން އެމަނިކުފާނަށް ވަނީ 1،730 ވޯޓު ލިބިވަޑައިގެންފައެވެ. ނަޝީދަށް ގއ. އަތޮޅުން ލިބިވަޑައިގެންނެވީ 1،209 ވޯޓެވެ. އަދި ގދ. އަތޮޅުން ލިބިވަޑައިގެންނެވީ 1،188 ވޯޓެވެ.

ލ. އަތޮޅުން ރައީސް ސޯލިހަށް 1،508 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގެންނެވީ 832 ވޯޓެވެ.