މިއަދަކީ އެމްޑީޕީއަށް ވަރަށްވެސް މުހިންމު އަދި އެހާމެ ބޮޑު ދުވަހެކެވެ. ވަރުގަދަ އިމްތިހާނެއްގެ ދުވަހެކެވެ. އެ ޕާޓީގެ ހަޔާތުގައި އަންނާނެ އެންމެ ބޮޑު އެއް އިންތިހާބުގެ ދުވަހެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ހައްގު ފަރާތް ކަނޑައަޅާ ދުވަހެވެ. މި އިންތިހާބު އެންމެ ބޮޑަށް ހާއްސަވާ ސަބަބަކީ އެ ޕާޓީން މިހާތަނަށް ދުށް އެންމެ ވަރުގަދަ ދެ ޝަހުސިއްޔަތުގެ ކުރިމަތިލުން ފެނިގެންދާނެތީއެވެ. މި ވާދަވެރި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ އިސްލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތުގެ ބޮޑު ނިންމުމެއް މިއަދު ނިންމިގެންދާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެންމެ މެންބަރުން ގިނަ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ދެ ރައީސުންވެސް ވަނީ ވަރަށް ފޯރިގަދަ ކެމްޕޭނެއް ކުރިއަށް ގެންދަވައިފައެވެ. އެގޮތުން އުތުރާއި ދެކުނުގެ ރަށްތަކަށް ވަޑައިގެން ދެ ރައީސުންވެސް ވަނީ އެ ބޭފުޅުންގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ފޯރިއާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ. ޑޯޓުޑޯ ކުރިއަށްގެންދަވައި، ދެ ރައީސުންވެސް ވަނީ ސަޕޯޓަރުންގެ ހާލު ވަރަށް ގާތުން ބައްލަވައިފައެވެ.

ފޯރިގަދަ ކެޕްމޭންގެ އެންމެ ބޮޑު ދެ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެނިގެން ގޮސްފައިވާ އިރު، ރައީސް ސޯލިހުގެ ޖަލްސާ ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުރިއަށްގެންދިޔަ އެ ޖަލްސާގައި ރައީސްގެ އެންމެ އަރިސްބޭފުޅުންނާއި މިނިސްޓަރުންގެ އިތުރުން މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ނަޝީދުގެ ބޮޑު ޖަލްސާ މާލޭގައި ބޭއްވި އިރު، އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އާޓިފިޝަލް ބީޗް ފުރާލައިފައެވެ. ދެ ބޭފުޅުންވެސް ކެމްޕޭންގެ ހަރަކާތްތައް އިއްޔެ ހަވީރު ނިންމާލާފައިވާ އިރު، ދެ ރައީސުންވެސް ކެމްޕޭން ނިންމާލާފައިވަނީ ހާއްސަ ދުއާއަކުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 57،000 މީހުންނަށެވެ. ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ޕްރައިމަރީގައި ވޯޓުލުމަށް މާލޭގައި 87 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އަދި އަތޮޅުތެރޭގައި 192 ވޯޓު ފޮށި ބަހައްޓާނެއެވެ. ޕްރައިމަރީގައި ވޯޓުލުމަށް މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ އަމީނިއްޔާ ސްކޫލް، އެމްއެންޔޫ، ސީއެޗްއެސްސީ، އިންކަންދަރު ސްކޫލް، މާފަންނު ސްކޫލް، އިއްޒުދީން ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލް، މުހިޔުއްދީން ސްކޫލް އަދި ރެހެންދި ސްކޫލުގައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.