ޚުލާސާ

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމަށް 9،721 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވެއެވެ. މާނައަކީ ވޯޓުލުމުގެ ހައްގު 9،721 މީހަކަށް ލިބިގެންވުމެވެ.

ޗާޕުކުރި ވޯޓު ކަރުދާހުގެ ތަފުސީލު:

  • އައްޑުއަތޮޅު، ހުޅުދޫ، 2،922 ވޯޓު ކަރުދާސް
  • އައްޑުއަތޮޅު، މީދޫ، 2،380 ވޯޓު ކަރުދާސް
  • އައްޑުއަތޮޅު، ފޭދޫ، 4،419 ވޯޓު ކަރުދާސް
  • ޖުމުލަ: 9721 ވޯޓު ކަރުދާސް

މި އިންތިހާބުގައި ވޯޓުލުމަށް މާލެއާއި އައްޑޫގެ ތިން ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެގޮތުން ހުޅުދޫގައި ތިން ވޯޓު ފޮށި، މީދޫގައި ތިން ވޯޓު ފޮށި، ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށު މީހުން ވޯޓުލުމަށް ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ ޖުމުލަ 18 ވޯޓު ފޮއްޓެވެ.

ރައީސް އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ، އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިމަހުގެ 12 ވަނަ ދުވަހު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

  1. އައްޑުއަތޮޅު ފޭދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލަކު މިދިޔަ އަންގާރަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ މި އިންތިހާބު ބޭއްވުމަށް 700،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށެވެ.

އީސީން ބުނި ގޮތުގައި ކޮންމެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ވޯޓުލުން ބަންދުވުމުން އެ ފޮއްޓެއްގައި ކައިރީގައި ވަގުތުން އިއުލާން ކުރަމުންދާނެެެއެވެ.

އެ ކޮމިޝަނުން ބުނީ ހުރިހާ ފޮއްޓެއްގެ ވޯޓު ސާފުކޮށް ނިމުމުން ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި ވަގުތީ ނަތީޖާ އިއުލާން ކުރާނީ އައްޑޫގައި ކަމަށެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހު އިއުލާންކުރާނެ ކަމަށް އީސީން ބުންޏެވެ.