ޚުލާސާ
ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން މިއަދު ހެނދުނު ފެށިފައިވާ އިރު، މި އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެއެވެ. އެއީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
މި ނަގާ ތިން ވޯޓުގައި ވޯޓުލުމަށް، ޖުމުލަ 588 ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި ނުވަ ފޮށި އަދި އަތޮޅުތަކުގައި 322 ފޮށްޓެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމައިފައެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ރަށު ކައުންސިލްތަކުގެ ތެރެއިން 132 ރަށަކަށް އިންތިހާބުކުރަން ޖެހޭނީ، ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަން ޖެހޭނީ، ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
މި އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރަން ޖެހޭނީ، ރަށާއި ސިޓީ ކައުންސިލަށް އިންތިހާބު ކުރާ އަދަދަށެވެ.
އެންމެ ހާއްސަ އަދި ތަފާތު ވޯޓެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.
ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ކުރެން އަހަން ހިމަނާފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟"




ކޮމެންޓް