މިހާރު ކުރިއަށްދާ ހަނގުރާމައާއެކު ވެސް ރާއްޖެއަށް ދަތިކަމެއް ނެތި ތެލާއި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި.
ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް މާލީ ކަންކަމާއި އިކޮނޮމިކް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް.
އެކަމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފިނޭންސުން ބުނެފައިވޭ.
"ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން މި މިނިސްޓްރީން ދާނީ ފިޔަވަޅުތަކެއް އަޅަމުންނެވެ..،" ފިނޭންސް މިނިސްޓްރީން ބުނެފައިވޭ.
ފިނޭންސުން ބުނީ ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް އެ މިނިސްޓްރީން ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމަށް. އަދި އެ ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރޭވިފައިވާ ކަމަށް.
"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައި ހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގުތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ..،" ފިނޭންސުން ބުނެފައިވޭ.
ފިނޭންސުން އިތުރަށް ބުނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށާއި، ގައުމުގެ އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަކީ އެ މިނިސްޓްރީން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށާއި އަދި މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިގުތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށް.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް.
"މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މިގޮތުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އިމްޕޯޓްކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ..،" އިކޮނޮމިކް މިނިސްޓްރީން ބުނެފައިވޭ.
މިނިސްޓްރީން އިތުރަށް ބުނީ މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް.
ކޮމެންޓް