އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރައިމަރީގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ޖަލްސާ ކުރުކޮށްލުމަށްފަހު އެމަނިކުފާނު އެ ސަރަހައްދުން ވަޑައިގަތީ ސަލާމަތީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމުމުގެ ޖަލްސާ މިރޭ އާޓިފިޝަލް ބީޗްގައި ބާއްވާފައިވާ އިރު، އެ ޖަލްސާގައި އެ މަނިކުފާން ވާހަކަދައްކަވައި ނިންމެވުމަށްފަހު، ސްޓޭޖުން ފައިބައިވަޑައިގެން، ވަގުތުން އެ ސަރަހައްދު ދޫކުރައްވައި އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ތިބި އިރު، ކުއްލި ގޮތަކަށް ނަޝީދު އެސަރަހައްދުން ވަޑައިގަތީ އެ މަނިކުފާނުގެ ސެކިއުރިޓީ ޓީމާއެކުއެވެ. މިރޭގެ ޖަލްސާގެ ސަލާމަތީ ކަންކަން ސިފައިން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ނަޝީދު ކާނިވާ ސަރަހައްދު ދޫކޮށް ވަޑައިގަތީ އެ މަނިކުފާނަށް ނުރައްކަލެއްގެ އިންޒާރެއް ލިބިގެން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ފުލުހުންގެ ހިދުމަތައް ލިބިފައި ނުވެއެވެ. އަދި އެފަދަ މައުލޫމާތެއް އެމްއެންޑީއެފްއަށް ލިބިފައިވޭތޯވެސް ފުލުހުންގެ ހިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވެއެވެ" ފުލުހުން ބުންޏެވެ.

ނަޝީދުގެ ކެމްޕޭން ޓީމުންވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އެއީ މިރޭގެ ޖަލްސާ ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ކަމަށެވެ.