ޚަބަރު

ހިޔާ ސަރަހައްދުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ކުލިނިކެއް ހުޅުވައިފި

ހުޅުމާލޭ ހޮސްޕިޓަލުން ހިޔާގެ 16 ވަނަ ޓަވަރުގައި ގާއިމުކުރި ޖެނެރަލް ޕްރެކްޓިސް ކުލިނިކް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ހިޔާ ސަރަހައްދުގެ ޖެނެރަލް ޕްރެކްޓިސް ކުލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ހޮސްޕިޓަލުތަކުން ހިދުމަތް ހޯދާ ގިނަ މީހުންނަކީ އާންމު ބަލިތަކުގެ ފަރުވާ ހޯދުމަށް ދާ މީހުން ކަމަށްވުމުން ހިޔާ ސަރަހައްދުގައި ގާއިމުކުރި ޖެނެރަލް ޕްރެކްޓިސް ކުލިނިކުގެ ސަބަބުން ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރަހައްދީ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް ތަރައްގީކުރުމަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރަމުންގެންދާ ކަމަށެވެ. އަދި ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޒަރޫރީ ހިދުމަތްތައްވެސް މި ސަރުކާރުން ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ހިޔާ ސަރަހައްދުގެ ޖެނެރަލް ޕްރެކްޓިސް ކުލިނިކް ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ އެތަނުގެ ޔުނިޓުތަކާއި އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުވައިފައެވެ.

އެ ކުލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ލެބޯޓަރީގެ ހިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީސީޖީ ހެދުމުގެ އިތުރުން ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިން ޖެހުމުގެ ހިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން އެސްޓީއޯގެ ބޭސް ފިހާރައެއްވެސް އެ ކުލިނިކުގައި ވަނީ ގާއިމުކޮށްފައެވެ.

އެ ކުލިނިކުން ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.