ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައާ ހަވާލުކޮށްފައިވަނީ ފ. ނިލަދޫ، ސ. ހިތަދޫ އަދި ގއ. ވިލިނގިލީގެ ނަރުދަމާގެ މަސައްކަތެވެ.
އެ މަސައްކަތްތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ނިލަންދޫގެ ވެކިއުމް ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ 42،364،108.79 ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި ވިލިނގިލީގައި އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ފެނަކައާ ހަވާލުކޮށްފައިވަނީ 480 ދުވަހުން ނިންމާ ގޮތަށް 43,887,261.94 ރުފިޔާއަށް ކަމަށެވެ.
މީގެ އިތުރުން ހިތަދޫގެ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރަން ފެނަކައާ ހަވާލުކުރީ 21،526،897.50 ރުފިޔާއަށް 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.