ޚަބަރު

ފުވައްމުލަކުގައި ރިސޯޓެއް ހަދައިދޭނަން: ނަޝީދު

މުހައްމަދު އިޝާން

ފުވައްމުލަކު ސިޓީގައި ރިސޯޓެއް ހަދައިދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ފުވައްމުލަކު އެއާޕޯޓު ތަރައްގީކުރުމަށްފަހު ނިންމާފައިވަނީ، އެއާޕޯޓު މޫދާވީ ސަރަހައްދު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިގެން ފަތުރުވެރިކަމަށް ހާއްސަ ކުރަން ކަމަށެވެ. އަދި ވިދާޅުވީ 2007 ވަނަ އަހަރު އެ ސަރަހައްދު ފަތުރުވެރިކަމަށް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވިއިރުވެސް އެ ސަރަހައްދުގައި 2007 ވަނަ އަހަރު ނިންމާފައިވާ ގޮތަށް ފަތުރުވެރިކަން ފެށިފައިނުވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި އެ ވާހަކަ ބަޔާންކޮށްފައިވާނެ ކަމަށާއި ނަމަވެސް ފަސް އަހަރު ނިމިގެން މިދަނީ އެކަން ނުކުރެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަމެއްގައި އެތަން ފަތުރުވެރިކަމަށް ތަރައްގީކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އިރާދަކުރެއްވިއްޔާ ނޮވެމްބަރުމަހުގާ އެތަނުގާ ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށޭނެ،" ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުން ވަނީ އަމިއްލަ މަސައްކަތުން އެރަށް ދުނިޔެއަށް މާކެޓް ކޮށްފައިވާ ކަމަށާއި މިހާރު ފުވައްމުލަކުގެ ކަނޑުއަޑީގެ ދިރުންތަކުގެ މައުލޫމާތު މުޅި ދުނިޔެއަށް އެނގިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަމަށް އިތުރު ކޮންސެޕްޓެއް ހޯދައި އެގޮތަށް މާކެޓް ކޮށްދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންގެ ފުދުންތެރިކަމާއި ރަށުގެ ތަނަވަސްކަމަށް އަބަދުވެސް އިސްކަންދޭ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމުގެ ބޭނުމުގައި އެ ރަށުގައި ގޭދޮށު މަސް ފެކްޓަރީ ހަދަން ނިންމާފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ ސިޔާސަތު ތަންފީޒުނުކޮށް، ތަންފީޒުކޮށްފައިވަނީ ކޯލިޝަންގެ ސިޔާސަތު ކަމަށް ނަޝީދު ވިދާޅުވިއެވެ.