ރިޕޯޓް

ސިޔާސީ ތާރީހު ބުނަނީ ކީކޭ؟ ހުރިހާ ކަނޑަކަށް ހެޔޮވަރު އެމްޑީޕީގެ އޮޑި އަސްލުވެސް ފެތެނީތަ؟

އަލީ އަފާފު ރަމީޒު

އެމްޑީޕީގެ އިސް ބޭފުޅުން، ވަކިން ހާއްސަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނައިން ވިދާޅުވާ ވާހަކައެއް އޮވެއެވެ. "މި އޮޑިއެއް ނުފެތޭނޭ، މި އަޒުމެއް ނުގުޑާނޭ، މި ގަދަރެއް ނުކެނޑޭނޭ، މި ކުލުނެއް ނުމެދާނޭ، މި ފިކުރެއް ނުނިމޭނޭ،"އެވެ. އެމްޑީޕީގެ އޮޑިއަކީ "ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެއް" ކަމަށެވެ. އެމްޑީޕީއަކީ ބައިބައިވާނެ ޕާޓީއެއް ނޫން ކަމާއި "އެމްޑީޕީ ދާނީ ކުރިއަށް، ބާރަށް ކުރިއަށް" ކަމަށް އެބޭފުޅުން ގެންދަވަނީ އަބަދުވެސް ވިދާޅުވަމުންނެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، މިއަދު ސިޔާސީ މައިދާނުން ފެނިގެންދާ އެންމެ ބޮޑު އެއް ހަގީގަތަކީ އެމްޑީޕީން އެޅި ކަމަރު "ދޫވެ" އެ އޮޑި ގެނބިގެންދާ މަންޒަރެވެ. އެމްޑީޕީގެ އިސް ދެ ބޭފުޅުން ކަމަށްވާ، ނަޝީދާއި އެޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމުގައި ސިޔާސީ "ލައްގަނޑެއް" ޖެހި، ދެ ބޭފުޅުންގެ ހިޔާލުތަފާތުވުންތައް މިވަނީ އަލުން އަނބުރާ "އެއްގަލަކަށް" އެރޭ ވަރަށްވުރެ ބޮޑަށް ގޯސްވެފައެވެ.

ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް އޮތް ކަމީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް، ރިޔާސީ އިންތިހާބުގެ އަހަރުގައި އެ ގުޅުން އިތުރަށް ހީނަރުވެގެންދާނެ ކަމަށް އެންމެންވެސް އައީ ގަބޫލު ކުރަމުންނެވެ. ކަން ވީވެސް އެހެނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެ ބޭފުޅުންވެސް ވާދަ ކުރައްވަން ނިންމަވައި، އިއުލާން ކުރެއްވި ހިސާބުން ފެށިގެން ދެ ބޭފުޅުންގެ މެދުގައި ރޯވި އަލިފާނަށް އިތުރަށް "ޕެޓްރޯލް" އެޅިގެންދިޔައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު، ދެ ރައީސުންވެސް ގެންދަވަނީ ވަރަށް ފޯރިއާއެކު ކެމްޕޭން ކުރައްވަމުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް ވަޑައިގެން، އެ ރަށްރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ތާއީދު ހޯދުމަށް، ދެ ބޭފުޅުންވެސް ގެންދަވަނީ ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުންނެވެ. މިއީ ދެ ބޭފުޅުންނަށްވެސް ލިބޭނެ އެންމެ ފަހު "ޗާންސް"އެވެ. ރިޔާސީ އިންތިހާބަށް އޮތް އެންމެ ފަހު އިމްތިހާނެވެ. މިއީ އެމްޑީޕީގެ އެންމެ ތާއީދު ބޮޑު ލީޑަރު ސާބިތުކޮށްދޭން ލިބޭނެ އެންމެ ފަހު ފުރުސަތުކަމުން، ދެ ބޭފުޅުންވެސް ކެމްޕޭން ކުރައްވަމުން ގެންދަވަނީ އެ "ސްޓޭޓަސް" ހޯއްދެއްވުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވަމުންނެވެ.

ޕްރައިމަރީގެ "ހުތުރު" ފަރާތް:

ދެ ރައީސުންގެ ދެމެދުގައިވާ ހިޔާލުތަފާތުވުންތައް އެހާ ބޮޑުވެދާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެހެނަސް ޕްރައިމަރީގެ ކެމްޕޭނުން މިއަދު ފެނިގެންދަނީ ދެ ރައީސުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވައި، "ހައްދެއްނެތި" ފާޑުވިދާޅުވަމުން ގެންދަވާ މަންޒަރެވެ. ރައީސް ނަޝީދު، ރައީސް ސޯލިހުގެ ސަރުކާރުގެ މަޝްރޫއުތަކަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، ނަޝީދުގެ ސަރުކާރަށް ރައީސް ސޯލިހުގެ ފާޑު ވިދާޅުވުންތައްވެސް ދަނީ އަމާޒުވަމުންނެވެ. ދެ ބޭފުޅުންނަށްވެސް ރަނގަޅު އެއްވެސް ކަމެއް މިހާރު ފެނިވަޑައެއް ނުގަންނަވައެވެ. ކުރެއްވި ހުރިހާ ކަމެއްވެސް ގޯސްވެއްޖެއެވެ.

މި ސަރުކާރަކީ "ސްލޯ" ސަރުކާރެއް ކަމަށާއި ވަޑައިގެންނެވި ހުރިހާ ރަށަކުން ފެނިވަޑައިގަތީ ތަރައްގީގެ ނަމުގައި ސަރުކާރުން "އަކުން ބަކުން" ކުޅުއްވާ މަންޒަރު ކަމަށް ވިދާޅުވެ، ނަޝީދުގެ ބަހުގެ ހަމަލާތައް ރައީސް ސޯލިހަށް އަމާޒުކުރައްވައިފައެވެ. ވަކިން ހާއްސަކޮށް މި ސަރުކާރުން މަޝްރޫތައް ނިންމާފައިނުވާ ކަމާއި މި ސަރުކާރުގެ ޝިއާރަކީ "އަންނަނީ، އަންނަނީ" ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އޮލިމްޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، އަންނަނީ، އަންނަނީ، ދެން އަންނަނީ، ދެން އަންނަނީ، އަންނަނީ، މިއަންނަ ކުއާޓަރުގައި އަންނަނީ، އަނެއް ކުއާޓަރުގައި އަންނަނީ، އަންނަނީ. މި ފިލްމެއް ނުފެނުނު. ހަމަ އަންނަނީ،" ސަރުކާރުގެ މަޝްރޫއުތައް ސުލޯ ކަމަށް ސިފަކުރައްވައި، ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި މި ސަރުކާރަށްވުރެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުވެސް އެމަނިކުފާނަށް ރަނގަޅެވެ. "ރައީސް ޔަމީނަކީ އިންޓަލެކްޗުއަލް ބޭފުޅެއް، ވަރަށް އެކެޑެމިކް ބޭފުޅެއް، ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް،" ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ގާބިލު ކަމެއް ނެތް ކަމަށާއި "ހޮޅިއެއް ވަޅުލަން ފަސް އަހަރު ނެގީމާ އެއީ މީހުނަށް ބަލައި ގަނެވޭ ކަމެއް ނޫން،" ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ބަހުގެ ހަމަލާތަކަށް ރައީސް ސޯލިހްވެސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ސަރުކާރު ސްލޯ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވީ "މީދޫ ދާއިރާ، ހުޅުމީދުއަށް ބެލިޔަސް އަޅުގަނޑުމެން ބުނަން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ" ކަމަށް ވިދާޅުވެއެވެ. އަދި ނަޝީދު ސަރުކާރުގެ މަޝްރޫއުތަކަށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުން ނަޝީދުގެ ސަރުކާރުން ފެށި ދަތުރުފަތުރުގެ ނިޒާމަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ނަޝީދުގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ފައްޓަން މަސައްކުރި ކަމަށާއި އެކަން ކުރުމުގެ ބޭނުމުގައި ފަޅު ރަށްތައް ބަހާފައިވާ ކަމަށް ވިދާޅުވިއެވެ. އަދިވެސް އެކަމުން "ސަލާމަތް" ނުވެވިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅު ރަށެއް ލިބޭ. ބަހަމުން ދިޔައީ، ބަހަމުން ދިޔައީ. ބޮޑު ސަކަރާތްގަނޑެއް، އެއިން ސަލަމާތް ނުވެވިގެން އަޅުގަނޑުމެން މިއުޅެނީ. އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑު ކުރޭ. އެއްބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެއަށްވުރެ ބޮޑަށް،" ރައީސް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ގެސްޓް ހައުސް ވިޔަފާރީ އަސްލު ފެއްޓެވީ ނަޝީދު ނޫން ކަމަށް ވިދާޅުވެ، ރައީސް ގެންދަވަނީ ބަހުގެ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރައްވަމުންނެވެ. އެގޮތުން ގެސްޓްހައުސްގެ ވިޔަފާރި ރަށްރަށުގައި ފެށުނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ކުރިން ކަމަށާއި އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި ވިޔަފާރިއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކުރިން ސަރުކާރުން (ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި) އެ ނިންމާފައި އެ އޮތް ނިންމުން ބަދަލުކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަން އައުމުގެ ކުރިން މަޖިލިސް ތެރެއިން. ސަރުކާރަށް ލާޒިމުކުރާ ގަރާރެއް މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފުވެސް އެތާ އިންނަވާނެ، އަދި އަޅުގަނޑަށްވެސް އެތާ އިންނަން ޖެހުން އެދުވަސްކޮޅު. އެކަންވެގެންދިޔަ ގޮތް، އެތަނުގައި ބަހުސް ކުރެވެމުންދިޔަ ގޮތް، އެއްފަހަރަށްވުރެ ގިނަ ފަހަރު މަޖިލީހަށް ހުށަހަޅައިގެން އަޅުގަނޑުމެން ފާސްކުރީ،" ރައީސް ވިދާޅުވެފައިވެއެވެ.

ދެ ބޭފުޅުންގެ ދެމެދުގައި ހުޅު ހިފާފައި ވަނީ ވަރަށް ބޮޑަށެވެ. ކެމްޕެއިންގެ ޖަލްސާތަކުން އެކަން ވަރަށް ސާފުވާނެއެވެ. ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ "ފޭރާން" ހަޑި ކުރެއްވުމަށް ކުރެވެން ހުރި ކަމެއް އެ ގެންދަވަނީ ކުރައްވަމުންނެވެ. އެކަމުގެ އަސަރު މުޅި ޕާޓީއަށް ވަނީ ކޮށްފައެވެ. ޕާޓީ ދެބައިވެ، އެންމެ އާންމު މެމްބަރަށްވެސް މިވަނީ އަސަރުކޮށްފައެވެ.

މުޅި ޕާޓީއަށް އަސަރު

ދިވެހި ހަރުބަހެއް އޮވެއެވެ. "ބޮޑު ދެގެރި ތަޅަންޏާ ކަށް ގަލަށް ބާރު ކުރާނެ" އެވެ. މިއަދު އެމްޑީޕީގެ ތެރެއިންވެސް ފެންނަނީ އެމަންޒަރެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު ދެ ފެކްޝަނަކަށް ވެ، ޕާޓީ މެންބަރުންވެސް މިވަނީ ބެހިފައެވެ. ދެ ފެކްޝަނުން އެއް ބަޔަކު އަނެއް ބަޔަކަށް ހުއްޓުމެއްނެތި ދަނީ ރައްދުދެމުންނެވެ. ރައީސް ސޯލިހްގެ ކުރީގެ އަރިސް ބޭފުޅުން އެމަނިކުފާނަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދާއިރު، ނަޝީދުގެ ކުރީގެ އަރިސް ބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ.

"އަނެއްބައި ފަހަރު މާގަދައަށް ރިއެކްޓް ކުރެއްވީމާ ވެރިކަން އެބަ ވެއްޓިގެންދޭ. އަނެއްބައި ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ނޫނީ ވެރިކަން ނުމެ ދެމެހެއްޓޭ. ބައެއް ފަހަރު ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން އެތާ ތިބި ފަނޑިޔާރުން ދަމާ ކޫއްތާ އެބަ ނެރެންޖެހޭ. އާދެ މި ރިއެކްޝަންގެ ނަތީޖާއަކީ އަޅުގަނޑުމެން ނުކުމެ މަގުމަތިވުން" ކުރިން ރައީސް ނަޝީދުގެ ވަރަށް އަރިސް ފަރާތެއްގެ ގޮތުގައި އުޅުއްވި، އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުކަންވެސް ކުރެއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެފައެވެ.

ހިސާންގެ އެ ވާހަކަތަކުންވެސް ދެ ފެކްޝަންގެ މެދުގައި އުފެދިފައިވާ ބައިބައިވުން ވަރަށްވެސް ސާފެވެ. ނަމަވެސް އެއީ ކުޑަ މިންވަރެކެވެ. ޑިމޮކްރަސީއަށް ނަމޫނާއެއް ކަމަށް ބުނާ އެމްޑީޕީގެ ތެރެއިން ފެނިގެންދާނެ އެންމެ ހުތުރު މަންޒަރުތައް ދަނީ ޕްރައިމަރީގެ ތެރެއިން ވަރަށް ބޮޑަށް ފެންނަމުންނެވެ. ދެ ފަރާތުން ރައްދުދެމުން ގެންދާއިރު، "ބުލީ" ކުރުމާއި ފުރައްސާރަ ކުރުންވެސް ވަނީ ހައްދުން ނައްޓައިފައެވެ.

ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުހެން ފެނިގެންދާ މަންޒަރަކީ ދެ ފެކްޝަންގެ ކޯޅުން ހައްދުން ނައްޓައިގެން ގޮސް، ބުލީ ކުރުމާއި ޒުވާބު ކުރުމާއި "އައުގުރާނަ" ގޮވުމެވެ. ރައްދުދެމުން ގެންދަނީ ވަރަށްވެސް ހަޑިކޮށެވެ. ނަމޫނާއަކަށް ވާންޖެހޭ، ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ފަރާތުން ފެންނަނީ ބުލީ ކުރުމާއި ފުރައްސާރަ ކުރާ މަންޒަރުތަކެވެ. ފެންނާނެ އެންމެ ހަޑިހުތުރު މަންޒަރުތަކާއެކު ދެބައި މީހުންވެސް ދަނީ އަމިއްލައަށް ބޭޒާރުވަމުންނެވެ. އިދިކޮޅު ފަރާތްތަކަށްވުރެ ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންދަނީ އެމްޑީޕީގެ މެންބަރުންނެވެ. އެމްޑީޕީގެ އޮޑި ރަނގަޅަށްވެސް "ފެތިގެން" އަޑިއަށް ދަނީއެވެ.

މާޒީ އިއާދަ ވެދާނެތަ؟

މާޒީއަށް ބަލާނަމަ، ރާއްޖޭގެ ސިޔާސީ މައިދާނުން ކުރިންވެސް ވަނީ މިތުރުން ހަތުރުންނަށް ވެގެން ގޮސްފައިވާ މަންޒަރުތައް ފެނިފައެވެ. އޭގެ އެއް މިސާލަކީ ވެލާނާގޭ އިބްރާހީމް ދީދީ އާއި ރައީސް މުހައްމަދު އަމީން ދީދީއެވެ. އެއީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ނަމަވެސް އަމީންދީދީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް، ވެރިކަމުގެ ބާރުތައް ފުރޮޅާލައި، ރައީސް އަމީން ރާއްޖެ ވަޑައިގެންނެވުމުން، ދޫނިދޫއަށް ގެންދަވައި ބަންދު ކުރެއްވުމުގައި އިސްކޮށް ހުންނެވި ބޭފުޅަކީ ވެލާނާގޭ އިބްރާހީމް ދީދީއެވެ.

އޭގެ އެހެން މިސާލަކަށް ބަލައިލާނަމަ، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ބޮޑުވަޒީރު އަހުމަދު ޒަކީ އާއި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރަކީވެސް ރައީސް ނަޝީދާއި ރައީސް ސޯލިހު ފަދައިން މީހުން އެކުވެރިކަމުގެ މިސާލު ޖަހާ ދެ ބޭފުޅުންނެވެ. އެކުގައި އަބަދުވެސް ސިޔާސީ މަސައްކަތް ކުރެއްވި ވަރަށް ގާތް ދެ އެކުވެރިންނެވެ. އެހެން ނަމަވެސް އެ ދެބޭފުޅުންގެ ގުޅުން ނިމިގެންދިޔަ ގޮތް ވަރަށްވެސް ހިއްޗެވެ. ނާސިރު ވެރިކަމުގައި ރައްޔިތުން މުޒާހަރާކުރި ބޮޑު ބުރާސްފައްޗާއި ކަޅު ބުރާސްފައްޗެއް ދިޔައެވެ. އެއީ ނާސިރު ވެރިކަމުން ދުރުކުރުމަށް ހިންގި ހަމަނުޖެހުމެއް ކަމަށާއި އެކަމުގެ އެންމެ އަޑީގައި ހުންނެވީ އަހުމަދު ޒަކީ ކަމަށް ތުހުމަތު ކުރެވުނެއެވެ. އެންމެ ފަހުން ދެ ބޭފުޅުންގެ އެކުވެރިކަން ނިމި، އަހުމަދު ޒަކީ ދޫނިދޫގައި ބަންދުކޮށް، ޏ. ފުވައްމުލަކަށް އަރުވާލިއެވެ. އެގުޅުން ނިމިގެން ދިޔައީއެވެ.

އޭގެ ފަހުން ލޭގެ ގުޅުން އޮތް ދެބޭފުޅުން، ހަތުރުންނަށް ވެގެންދިޔަ ގޮތް ހަނދާން ނެތޭނެ މީހަކު ނުހުންނާނެއެވެ. ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ނިމިގެން ދިޔަ ގޮތާއި މިހާރު ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ފެންނަމުންދާ މަންޒަރުތައްވެސް ވަރަށް އެއްގޮތް ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވުންތައް އުފެދި، ޕީޕީއެމް ދެބައި ވީއެވެ. އެންމެ ފަހުން ރައީސް މައުމޫން ޕާޓީން ބޭރުކޮށް، އަމިއްލަ ޕާޓީއެއް އުފައްދަން ޖެހިވަޑައިގެންނެވީއެވެ. އަމިއްލަ ބޭބެ ޖަލަށްލެއްވި ކޮއްކޮއެއްގެ ގޮތުގައި ރައީސް ޔާމީން ތާރީހުގައި ލިޔެވިގެންދިޔައެވެ.

އެހެންކަމުން ދެން އޮތް ސުވާލަކީ އަނެއްކާވެސް މިކަން ތަކުރާރުވާނީ ހެއްޔެވެ؟ ރައީސް ނަޝީދާއި ރައީސް ސޯލިހްވެސް އެއް ގަލަކަށް ނޭރި، ގުޅުން ނިމިގެންދާނީ، އެގޮތަށް ހެއްޔެވެ؟ ސިޔާސީ ހަތުރުންނަށް ދެ ބޭފުޅުން ވާނީ ހެއްޔެވެ؟

ޕްރައިމަރީގެ ފަހުން އެމްޑީޕީއަށް ވަނީ ކިހިނެއް؟

މިއީ މިހާރު އެންމެވެސް އުފައްދާ އެންމެ ބޮޑު އެއް ސުވާލެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީއަށް ވާނީ ކިހިނެއް ހެއްޔެވެ؟ ދެ ރައީސުން އެއް ގަލަކަށް އަރައި އެމްޑީޕީ އަލުން ސަލާމަތް ކުރާނީ ހެއްޔެވެ؟ ނޫންނަމަ، އެމްޑީޕީ ރަނގަޅަށްވެސް ފައްތާލާނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ބޭނުންވެފައި ތިބީ ހަމައެކަނި އެމްޑީޕީ މެންބަރުން އެކަންޏެއް ނޫނެވެ. މިއީ އެހެން ސިޔާސީ ޕާޓީތަކުންވެސް ޖަވާބު ބޭނުންވެފައިވާ ސުވާލެކެވެ.

ރައީސް ސޯލިހް ވަނީ އިންތިހާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް، އެބޭފުޅެއްގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ނަޝީދު ކަމުގައިވީ ނަމަވެސް އެމަނިކުފާނު ފަހަތްޕުޅުގައި ރައީސް ސޯލިހް ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެއީ އެމްޑީޕީއަށްޓަކައެވެ. ނަމަވެސް ނަޝީދުގެ ވިސްނުންފުޅު ތަފާތެވެ. ނަޝީދު ވަނީ "ޕީޕީއެމާ އެކީގައި ނުހުންނާނަން. އެއީ ސަތޭކައިން ސަތޭކަ ކަމެއް. ޕީޕީއެމަކާ އެކު ނުހުންނާނަން، އިބްރާހިމް މުހައްމަދު ސޯލިހަކާއެކު ނުހުންނާނަން،" ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މި ސުވާލުގެ އަސްލު ޖަވާބު ލިބެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ޕްރައިމަރީ ވޯޓަށްފަހުއެވެ. ބަލަން ތިބި މީހުނަށް ފެންނަނީ އެމްޑީޕީގެ އޮޑި ފެތޭ މަންޒަރެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވާފައިވާ ރައްދުތަކާއި ހިޔާލުތަފާތުވުންތައް އެއް ފަރާތް ކުރެއްވުމަށްފަހު،ދެ ރައީސުން އެއް ގަލަކަށް އަރައިވަޑައިގަންނަވާނެ ހެއްޔެވެ؟ މި އިންތިހާބަށްފަހު އެކަތިގަނޑެއްގެ ގޮތުގައި ތިބެ "އަސްލު" އެމްޑީޕީ އަނެއްކާވެސް ރިޔާސީ އިންތިހާބުގައި ފެނިގެން ހިނގައިދާނެ ހެއްޔެވެ؟ ނުވަތަ ރާއްޖޭގެ ސިޔާސީ މަސްރަހުގެ މާޒީގައި ހިނގައިދިޔަ ގޮތަށް، ދެ ބޭފުޅުންވެގެން އެމްޑީޕީގެ މި އޮޑި ރަނގަޅަށްވެސް އަޑިއަށް ފައްތާލާނީ ހެއްޔެވެ؟