ޗެލްސީ

ޗެލްސީއާ ހެދި ޔޫއެފާއިން ފައިނޭންޝިއަލް ފެއާ ޕްލޭގެ އުސޫލު ބަދަލުކުރަނީ

މުޙައްމަދު ޝަމްޢޫން

ޗެލްސީން ދިގު މުއްދަތުގެ އެއްބަސްވުންތަކުގައި ކުޅުންތެރިން ގެންދާ އަދަދު އިތުރުވުމާއެކު، ޔޫއެފާއިން ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގެ އުސޫލަށް ބަދަލު ގެންނަން ނިންމައިފިއެވެ.

ޔޫޫއެފާއިން އެ ބަދަލު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާތަކުން ފެށިގެން ގެންނަން ނިންމާފައިވާ އިރު، އެ ބަދަލު ގެންނަން ނިންމާފައި ވަނީ ދިގު މުއްދަތުގެ ކޮންޓްރެކްޓް ބޭނުންކޮށް، ކުޅުންތެރިންނަށް ބޮޑެތި ހަރަދުތަކެއް ކުރުން ހުއްޓުވުމަށެވެ. އެފްއެފްޕީގެ އުސޫލުތައް ބުނާ ގޮތުން، ކުޅުންތެރިޔާއަށް ކުރާ ހަރަދު ކަނޑައަޅާނީ އެއްބަސްވުމުގެ މުއްދަތަށް ބަލައި، އަހަރުތަކަށް ބަހާލައިގެންނެވެ.

ޗެލްސީން އެންމެފަހުން އެޓީމަށް ގެންދިޔަ ޔުކްރިން ފޯވަޑް، މައިހައިލޯ މުޑްރީކް، 89 މިލިއަން ޕައުންޑްގެ އަގަކަށް ގެންގޮސްފައި ވަނީ 8 އަހަރާ ބައިގެ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމާއެކު އަހަރެއްގެ މައްޗަށް ޗެލްސީން މުޑްރީކަށް ހަރަދު ކުރި ކަމަށް އެފްއެފްޕީގެ އުސޫލުން ކަނޑައަޅާނީ 11 މިލިއަން ޕައުންޑެވެ.

މުޑްރީކްގެ އިތުރުންވެސް ޗެލްސީން އެންމެފަހުން ކުރި ހުރިހާ ޓްރާންސްފާއެއްވެސް ކޮށްފައި ވަނީ ދިގު މުއްދަތުގެ އެއްބަސްވުންތަކުގައެވެ. ބެނޮއިޓް ބަޑިއަޝީލޭ އާއި ޑޭވިޑް ޑަޓްރޯ ފޮފާނާ 6 އަހަރާ ބައިގެ މުއްދަތަކަށް ޗެލްސީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، ނޯނީ މަޑުއެކޭ އެޓީމަށް ގެންދިއީ 7 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

އެފަދަ ދިގު މުއްދަތުގެ އެއްބަސްވުމުގެ ސަބަބުން ޗެލްސީއަށް އިތުރު ހަރަދުތައް ކުރަން ފުރުސަތު ބޮޑުވެ، އެފްއެފްޕީއަށް މަކަރު ހެދުމުގެ ފުރުސަތު އެބައޮތެވެ. އެ ފުރުސަތު ޗެލްސީ ފަދަ ކްލަބުތަކަށް އޮތުމާއެކު ޔޫއެފާއިން ކަނޑައަޅަން މަސައްކަތް ކުރަނީ، ފަސް އަހަރަށްވުރެ އިތުރު މުއްދަތަކަށް ޓްރާންސްފާ ފީގެ އަގު، ނުބެހޭނެ ގޮތަކަށް ހެދުމަށެވެ. އޭރުން މާ ދިގު އެއްބަސްވުންތަކާއެކު ކުޅުންތެރިންގެ ޓްރާންސްފާ ފީ އެފްއެފްޕީ އުސޫލަށް ފެއްތުމުގެ ފުރުސަތު ބަންދުވާނެއެވެ.

ޔޫއެފާގެ އެފްއެފްޕީ އުސޫލުގެ އިތުރުން ޗެލްސީން އިނގިރޭސިވިލާތުގެ ކްލަބު ހިންގަމުގެ އުސޫލުތަކަށްވެސް ހޭނެން ޖެހޭ އިރު، ކްލަބަށް ހަރަދު ކުރޭވެނެ އުސޫލުތައް ދެގޮތަށްވެސް އޮންނަނީ ކަނޑައަޅައިފައެވެ. ޔޫއެފާ އުސޫލުތައް ބުނާ ގޮތުން، ކްލަބަކަށް ޓްރާންސްފާތަކަށް އިތުރު ހަރަދެއްގެ ގޮތުގައި ކުރެވޭނީ ތިން އަހަރުގެ ފައިދާއިން 4.4 މިލިއަން ޕައުންޑް އަދަދެކެވެ. އެހެން ނަމަވެސް ކްލަބަކަށް ސީދާ ވެރިޔާގެ ޖީބުން ހަރަދުކުރާނަމަ، އެ އަދަދު 26.6 މިލިއަން ޕައުންޑަށް އިތުރުވާނެއެވެ

ޔޫއެފާއިން މިދިޔަ ޖޫން މަހު ކަނޑައަޅާފައިވާ ގޮތުގައި، މުސާރައާއި ޓްރާންސްފާގެ އިތުރުން އެޖެންޓް ފީގެ ގޮތުގައި ކްލަބުތަކަށް ހަރަދުކުރެވޭނީ ކްލަބުގެ ސާފު ފައިދާގެ 70 ޕަސެންޓެވެ. އެ އުސޫލުތަކާއެކު ކްލަބު މާ ބޮޑަށް ދަރަނިވެރިވާނަމަ، އަޅާނެ ބޮޑެތި ފިޔަވަޅުތަކެއްވެސް ކަނޑައަޅާފައިވެއެވެ.