މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ޗެމްޕިއަންސް ލީގުގެ ފުރުސަތު ހޯދަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވީ ބަޔާން މިއުނިކް ނޫނީ ޗެލްސީއަށް ދާން ކަމަށާއި އެ ފުރުސަތު ފަހި ނުކޮށްދެވުމުން އެޖެންޓް ޖޯޖް މެންޑޭޒްއާ މައްސަލަތަކެއް ދިމާވި ކަމަށް ނޫސްތައް ބުނެފިއެވެ.
ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށް، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބު އަލް ނަސްރަށް ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަލް ނަސްރުގެ އެއްބަސްވުމާއެކު ރޮނާލްޑޯއަށް އަހަރަކު 177 މިލިއަން ޕައުންޑްގެ މުސާރައެއް ޖެހޭނެއެވެ. އެއީ މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ބޮޑު މުސާރަވެސް މެއެވެ.
ސީޒަނުގެ ކުރީކޮޅުގައި ޔުނައިޓެޑާ ހިތްހަމަ ނުޖެހި، ރޮނާލްޑޯ އެ ކްލަބު ދޫކޮށްލީ ވަރުގަދަ އިންޓަވިއުއަކަށް ފަހުއެވެ. އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ކޯޗުންނާ ނުރުހުންވި ކަމަށް ބުނެ، ކޯޗުންނަށް އިހުތިރާމް ގެއްލުނު ކަމަށްވެސް ބުނެފައެވެ.
އޭގެ އިތުރުން އޭނާ ބުނީ ޔުނައިޓެޑްގެ ބޯޑު ފެއިލްވެފައިވާ ކަމަށާއި ކްލަބަށް ކުރި އެރުން ގެންނަން ބޯޑުން ކުރާ މަސައްކަތް ނުފެންނަ ކަމަށެވެ. އެ އިންޓަވިއުއާއެކު ޔުނައިޓެޑްގެ ވެރިން، ގްލޭޒާސް އާއިލާއިން ކްލަބު ވިއްކާލަން އިއުލާން ކޮށްފައިވާ އިރު، ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ދާން މަސައްކަތް ކުރީ ވަރުގަދަ ކްލަބަކަށެވެ.
ރޮނާލްޑޯ ސީޒަނުގެ ކުރިންވެސް ޗެލްސީ އާއި ބަޔާން މިއުނިކަށް ދާން މަސައްކަތްތަކެއް ކުރި ކަމަށް ނޫސްތައް ބުނެފައިވާ އިރު، ޗެލްސީއަށް އޭނާ ނުގެންދިޔައީ އޭރު ހުރި ކޯޗު ތޯމަސް ޓުޗެލް އެއްބަސް ނުވެގެން ކަމަށް ނޫސްތައް ބުނެއެވެ. އަނެއްކޮޅުން ބަޔާންގެ ސީއީއޯ އޮލިވާ ހާން ވިދާޅުވީ ރޮނާލްޑޯ ގެންދިޔުން "ބަޔާންގެ ފިލޯސަފީ"އާ ހިލާފު ކަމަށެވެ.
ސްޕެއިންގެ ނުފޫޒުގަދަ ނޫހެއް ކަމަށްވާ އެލް މޫންޑޯ އިން ބުނެފައި ވަނީ ރޮނާލްޑޯ އޭނާގެ ސުޕަ އެޖެންޓް މެންޑޭޒްގެ ކިބައިން އެދުނީ ބޮޑު ކްލަބަކަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދނުމަށް ނަމަވެސް، އެޖެންޓަށް އެކަން ނުވެ، ރޮނާލްޑޯއާ ނުތަނަވަސްވެފައިވާ ކަމަށެވެ. އެ ނޫހުގައި ބުނީ ރޮނާލްޑޯ ސައުދީ ލީގަށް ދިޔައީ އެޖެންޓްގެ އެހީގައި ނޫން ކަމަށާއި އެ ޑީލަށް ރޮނާލްޑޯ މަޝްވަރާކުރީ އެޖެންސީގެ ބޭރުން ކަމަށެވެ.
މެންޑޭޒަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އެޖެންޓް ކަމަށްވާ އިރު، ރޮނާލްޑޯ އާއި މެންޑޭޒަކީ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުންދާ ދެ މީހުންނެވެ. ދާދިފަހުން ރޮނާލްޑޯ ނިންމާފައިވާ ނިންމުންތަކާއެކު އޭނާއަށް ބައެއް ފާޑު ކިޔުންތައްވެސް އަމާޒުވެފައިވާ އިރު، ސައުދީ ލީގަށް ދިޔުން ވެގެންދިޔައީވެސް ރޮނާލްޑޯ އެންމެ ބޭނުންވި ގޮތަކަށެއް ނޫނެވެ. ރޮނާލްޑޯ ކުރިން ތަކުރާރުކޮށް ބުނެފައި ވަނީ އޭނާ ކެރިއަރު ނިންމާލަން ބޭނުންވަނީ ޔޫރަޕްގެ ވަރުގަދަ ކްލަބެއްގައި ކުޅެމުން ގޮސް ކަމަށެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އުމުރުން 37ގެ ރޮނާލްޑޯ، ސްޕޯޓިން ލިސްބަންއިން ކެރިއަރު ފަށައި ފުރަތަމަ ވިދާލީ ޔުނައިޓެޑްގައެވެ. އޭގެ ފަހުން ރެއާލް މެޑްރިޑާއެކު ގޯލް ޖެހުމުގެ ގިނަ ރެކޯޑުތަކެއް މުގުރާލައި، އެތައް ކާމިޔާބީއެއް ހޯދިއެވެ. އެ ފަހުން ޔުވެންޓަސްއަށް ބަދަލުވެ، އަލުން ޔުނައިޓެޑަށް ދިޔައީ މީގެ ދެ ސީޒަނެއް ކުރިންނެވެ. ޔުނައިޓެޑްގައި އެންމެ އެކަށޭނެ ކުޅުމެއް ރޮނާލްޑޯއަށް ދެއްކިފައި ނުވާ އިރު، ސައުދީ ލީގަށް ބަދަލުވި ބަދަލުވުމަކީ ގިނަ ބަޔަކު އުންމީދުކުރި ޓްރާންސްފާއެއް ނޫނެވެ.